English Edition
Dhivehi Edition

މި ސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކުރަމުންދާގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވަމުންނެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވީ ޚާއްސަކޮށް ބޯހިޔާވަހިކަމާއި، މަރުތަކާއި، އަތޮޅުތެރޭގެ ތަރައްޤީގެ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އަލުން ފަޅުތައް ހިއްކައިގެން ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހުވަފެން ސަރުކާރުން ދައްކަމުންދާއިރު، ހިއްކާ ނިމި، ޕްލޭންކޮށްފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރި މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތެއް ވޭތުވެދިޔަ ތިން އަހަރު ކޮށްފައި ނުވާ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި އެއީ މި ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަންކަން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މީހުން އާބާދުވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ މި ސަރުކާރުން ތަރައްގީއަށް އެއްވެސް ތަސައްވަރެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީން އަޅުއްވަން ފެއްޓެވި މަޝްރޫއުތަކުގެ ނަން އެކި އެކި ނަންތަކަށް ބަދަލުކުރުމުގެ އިތުރަށް އެހެން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ.

“ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް ރައީސް ދެއްވި “ސިޔާސީ” ބަޔާނުން ހައްލެއް ނުފެނޭ. ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އެނޫން ވެސް ކަންކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް މިއަހަރު އިއްވި ބަޔާނުގައި ވިދާޅުނުވުމަކީ ވަރަށް ހިތާމަކުރާ ކަމެއް.” ސަލީމް ވިދާޅުވިއެވެ.

ސަލީމް މިފަދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވާ އިރު، ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އެޗްޑީސީން އަންނަނީ ގިނަމަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތަނުގެ މަގުތައް ތަރައްގީ ކުރުމާ އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅު ފަރާތްތަކުން ފާޑުކީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.