English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަންގެ ބަޔާން މިއުނިކާއި ލިވަޕޫލުން ކަށަވަރު ކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ސާލްސްބާގް އަތުން ބަޔާން މޮޅުވީ 1-7 ގެ ނަތީޖާއިންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެން ކަމުން ކުއާޓާ ފައިނަލަށް ބަޔާން ދަތުރުކުރީ 2-8 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އިންޓަ މިލާން އަތުން 0-1 އިން ބަލިވި ނަމަވެސް އެޓީމު ފުރަތަމަ ލެގުގެ މެޗުން 0-2 ގެ ނަތީޖާއިން މޮޅުވެފައި ވުމުން އެގްރިގޭޓް ނަތީޖާއިން ކުރި ލިބުނީ ލިވަޕޫލަށެވެ. އެޓީމު ކުއާޓާ އަށް ދަތަރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ނަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ވަރަށް ގާތްގާތުގައި ބަޔާން އިން ވަނީ ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 12 ވަނަ މިނިޓާއި 21 ވަނަ މިނިޓްގައި ޖެހި މި ދެ ލަނޑުވެސް ޖަހާފައިވަނީ ލިބުނު ދެ ޕަނަލްޓީން ރޮބަޓް ލެވަންޑޯސްކީއެވެ. މެޗުގެ 23 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހާ ލެވަންޑޯސްކީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅުންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކް އެވެ. މި މެޗުން ބަޔާން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ސާޖް ގްނަބްރީ އެވެ.

ދެ ވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބަޔާންއިން ތިން ލަނޑު ޖަހާފައިވާއިރު، މީގެ ތެރެއިން ދެ ލަނޑު ޖެހާފައި ވަނީ ތޯމަސް މުލާ އެވެ. އަނެއް ގޯލު ޖެހީ ލެރޯއި ސާނޭ އެވެ. މި މެޗުގައި ސަލްޒްބާގުގެ ހަމައެކަނި ލަނޑު ޖެހީ ބްރެންޑެން އާރޮންސަން އެވެ.

ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އިންޓަ އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ 61 ވަނަ މިނިޓްގަ އެވެ. މި ލަނޑު އިންޓަ އަށް ކާމިޔާބު ކޮށްދިނީ ލަޓާރޯ މާޓީނޭޒްއެވެ.