English Edition
Dhivehi Edition
ފޮޓޯ: އުރީދޫ ޓްވިޓަރ

އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ ކްރޮސްރޯޑްގެ އިވެންޓް ހޯލުގައާއި އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށެވެ.

ޖުމްލަ 1،202 ހިއްސާދާރުންގެ ބައިވެރިވުމާއެކު ޖަލްސާ ކުރިއަށްގޮސްފައިވާއިރު، އޭގެ ތެރެއިން އަމިއްލަފުޅަށް ޖަލްސާގައި ބައިވެރިވެވަޑައިގަނެފައިވަނީ 101 ހިއްސާދާރުންނެވެ. އަދި ހިއްސާދާރުންގެ ފަރާތުން ޕްރޮކްސީ ހޯއްދަވައިގެން 1،101 ބޭފުޅަކު ބައިވެރިވެވަޑައިގަނެފައިވެއެވެ.

ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައިވަނީ، 135،970،377 (ސަތޭކަ ތިރީސް ފަސް މިލިއަން ނުވަ ސަތޭކަ ހަތްދިހަ ހާސް ތިން ސަތޭކަ ހަތްދިހަ ހަތެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92 އެވެ.

މި ޖަލްސާގައި ހިއްސާދާރުން ނިންމަވާފައިވަނީ 2021 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވުމަށާއި، 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރެއްވުމަށެވެ. އަދި 2022 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރެއްވުމަށާއި 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާ 70 ލާރި ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްދެއްވާފައެވެ.

މީގެ އިތުރުން ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރެއްގެ ގޮތުގައި އާންމު ހިއްސާދާރުން ވަނީ ފަރީޙާ ޝަރީފު ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.