English Edition
Dhivehi Edition
ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ފެނަކައަކީ ރާއްޖެއަށް ތަރައްގީގެންނަން ބޭނުންވާ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސާޗުން ހިންގި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސް (ފުނަރު ޕްރޮގްރާމް) ނިންމައި ދަރިވަރުންނަށް ސެޓެފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެޕްރެންޝިޕް ޕްރޮގްރާމަކީ ވަރަށް މުހިއްމު އިނީޝިއޭޓިވްއެއް ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރެވިފައިވާ ތަސައްވަރު ހާސިލް ކުރުމުގައި ފެނަކަ ވެގެން ދަނީ ވަރަށް މުހިއްމު ބައިވެރިއަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެޕްރެންޝިޕް ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރު ކުރުމަށްޓަކައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ޕްރޮގްރާމެއް ކަމަށެވެ.

” ރައްޔިތުންނަށް ފާގަތި ތާހިރު ދިރިއުޅުމެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ފެނަކަ އާދަޔާ ޚިލާފު ރޯލެއް ކުޅެމުންދޭ. އެހެންވީމާ މިހުރިހާ ސަބަބުތަކަށްޓަކައި ފެނަކައާއި އަޅުގަނޑުމެންގެ އެންމެންނާއި މިވަނީ ގުޅިލާމެހިފައި. ފެނަކައިގެ އެމްޑީއާއި އަޅުގަނޑުމެންގެ މި އުއްމީދުތަކާއި މިވަނީ ގުޅިލާމެހިފައި.” މިނިސްޓަރ ވިދާޅުވިއެވެ.

ފެނަކައިން އެޕްރެންޝިޕް ޕްރޮގްރާމް މިހާ ފުރިހަމައަށް ކުރުމަކީ ވަރަށް ރަނގަޅު ވަރަށް ބޮޑު ތަޖުރިބާތަކެއް އެޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އިންޖިނިއަރިން ކަހަލަ ދާއިރާއަކުން މަސައްކަތުގެ މާހަވްލުން މީހާ ނިކުންނަ އިރުގައި ޒަމާނީ މެޝިނަރީ ފެނުންއެކަށީގެންވޭ. ޒަމާނީ މެޝިނަރީގައި އަތްލަން ފުރުސަތުލިބުން. ފެނަކަ އިންސްޓްޓިއުޓުން ފޯރުކޮށްދޭ އެޕްރެންޝިޕް ޕްރޮގްރާމަކީ ހުރިހާ ގޮތަކުން ލާމަސީލު ޕްރޮގްރާމެކޭ. ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ވިސްނުމަކީ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާކުރުމަށްޓަކައި ވީހާވެސް ގިނައިން ފުރުސަތުތައް ފަހިކޮށްދެއްވުން ކަމަށާއި އެކަން ކުރަން ތައްޔާރަށް ތިބި ކޮންމެ ބަޔަކާއި އެކު ވެސް ސަރުކާރުން މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޓޫޑެންޓް ލޯނަކީ ވެސް އެ މަގުސަދުގައި ހުޅުވާލި ފުރުސަތުތައް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަޒީފާ އަދާކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ވަޒީފާއެއްގެ އަޚުލާގު ހިފެހެއްޓުން ކަމަށެވެ. ތިމާއަކީ ވަޒީފާގެ އަޚުލާގު ނުހިފެހެއްޓޭ މީހެއްކަމަށްވާނަމަ ވަޒީފާގައި ކުރިއަށް ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. މިޒަމާނަކީ ކުޑަކުޑަ ތައުލީމަކާއި ތަމްރީނަކުން އަބަދު އެއް ވަޒީފާއެއްގައި ހުރުމުގެ ފުރުސަތު ފަހިވާނެ ޒަމާނެއް ނޫން ކަމަށާއި އެހެންކަމުން ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައި ވިއަސް އިތުރަށް އިލްމު ހޯދާ އިތުރަށް ތަމްރީނުވުމުގެ ޝައުގުވެރިކަން ބެހެއްޓެވުމަށް އެދިވަޑައިގެންނެވި އެވެ.

ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި 23 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.

އެ ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ޏ. ފުވައްމުލައް، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ސ. ހިތަދޫއެވެ.