English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ (މިފްކޯ) ގެ ފަރާތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ޒުވާނުން ތަމްރީނުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އައްޑޫ ފިޝަރީސް ކޮންޕްލެކްސްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، ރިސޯޓްތަކުގެ ބައިވެރިވުމާއެކުގައެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓެޖީ 3.2 އަދި 3.3 ގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރު ދަސްކޮށްދީ މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮންޕެނީ (މިފްކޯ) ގެ ފަރާތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ތަފާތު 5 ދާއިރާއިން (ފެލިވަރު، ކަނޑުއޮތް ގިރި، އައްޑޫ އަދި ކޫއްޑޫގައި) 19 ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ އެލަވަންސްގެ ގޮތުގައި މަހަކު 3000 (ތިންހާސް) ރުފިޔާ އަދި މަސައްކަތުގެ ވަގުތުގައި ކެއުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އްޑޫގެ ވީހާވެސް ގިނަ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވެ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/AKUDzXM2ZE7eFLH9 މި ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިފައެވެ. މީގެ އިތުރުން އައްޑޫ ކައުންސިލުން ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ހުޅުމީދޫއަށް ދަތުރުކުރުމުގެ ހަރަދުތައްވެސް ހަމަޖައްސައިދެވޭނެކަމަށް ބުނެފައެވެ،