English Edition
Dhivehi Edition
ފައިސަލް ނަސީމް/ފޮޓޯ އަވަސް އޮންލައިން

ނައިބު ރައީސް ފައިޞަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވުން ހުކުރު ދުވަހު ފަތިހު 5:50 ގައި ރައްޔިތުންގެ މަޖިލީހުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު، ނައިބް ރައީސް ފައިސަލް ނަސީމްއާއި ޙަވާލު ކުރައްވާފައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މާދަމާ ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވުމަށް ހަމަޖެހިފައިވާއިރު ގާނޫނުއަސާސީގައިވާ ގޮތުން އެމަނިކުފާނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާއެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. އަދި ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނައިބުރައީސް ފައިސަލް ނަސީމާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތު ޙަވާލުކުރެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އަންގަވާފައިވާނެކަމަށެވެ.

ރައީސް ޞާލިޙު، ތައިރޮއިޑް އޮޕަރޭޝަން ކުރައްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެވަޑައިގެންފިނަމަ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރައްވަންވާނެކަމަށް ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ބުދަ ދުވަހުއެވެ.

ފުރާވަޑައިގަތުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ސިންގަޕޫރަށް ވަޑައިގަންނަވަނީ ތައިރޮއިޑްގެ ފަރުވާއަށްކަމަށެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. މިމަހުގެ 10ވަނަ ދުވަހުވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.