English Edition
Dhivehi Edition
ފުވައްމުލަކު ޕަބްލިކް ލައިބްރަރީ

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން, ފުވައްމުލަކުގެ ސަގާފަތާއި ތާރީޚާއި ބަހާއި ގުޅޭ ވީޑިއޯ އަދި އޯޑިއޯ ހުށަހެޅުމުގެ ފުރުސަތު ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އިން ހުޅުވާލާއިފިއެވެ.

‘އަފުންގެ ބަހަ، އަފުންގެ ފަހުރު’ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގައި ފުވައްމުލައް ބަހުންނާއި އަދި އެ ނޫންވެސް ދިވެހި ބަހުރުވައިން ހެދިފައިވާ އަދި ފުވައްމުލަކު މީހުން ކިޔާ އުޅުނު ބަންޖާއި، ނާނާއާއި، އަންބާ އާއި ރައިވަރި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ތާރީޚާއި ސަގާފަތާއި ގުޅޭ ވަހަކަ ނުވަތަ ރަށުގެ މުހިންމު ތަންކާއި ގުޅޭ މައުލޫމާތު ވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ހަރަކާތުގައި ބައިވެރިވުމަށް ވަކި ހާއްސަ އުމުރުފުރާއެއް ކަނޑައަޅާފައެއް ނުވެއެވެ.

ފުވައްމުލަކު ލައިބްރަރީ އިން ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް ހުށަހަޅާ ވީޑިއޯ ނުވަތަ އޯޑިއޯ ކުރުވެގެން އެއް މިނިޓް އަދި ދިގު ވެގެން ތިން މިނިޓް ހިމެނެންޖެހޭނެކަމަށެވެ. އަދި އެކަކު ނުވަތަ ގިނަ މީހުންގެ ގުރޫޕަަކަށްވެސް ވީޑިއޯ އާއި އޯޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެ ލައިބްރަރީ އިން ވަނީ ބުނެފައެވެ. މިހަރަކާތުގައި ބައިވެރިވުމަށް 20 ފެބްރުއަރީ 2022 ގެ ކުރިން ހުށަހެޅުންތައް ފޮނުވަން ޖެހޭއިރު މި ހަރަކާތުގައި ބައިވެރިވުމަށް 9666796 އަށް ވައިބާކުރާ އޯޑިއޯ އަދި ވީޑިއޯ ވެސް ބަލައިގަންނާނެއެވެ.

މާދަރީ ބަހުގެ ދުވަހަކީ 21 ފެބްރުއަރީ އެވެ.