English Edition
Dhivehi Edition

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ގެނެސްފައިވާ އިތުރު 15 އެމްބިއުލާންސް ފޮނުވާ ރަށްތަކުގެ ތެރޭގައި ގއ. މާމެންދޫ އަދި ގދ. ވާދޫ ހިމެނޭކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިއަދު ހެލްތް މިނިސްޓްރީންވަނީ، މި މަހުގެ 8 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތައް، ބޭނުންކުރުމަށް ހަމަޖެހިފާ ރަށްތައް އިއުލާންކޮށްފައެވެ. މި ގޮތުން އެއް އެބިއުލާންސް ހުޅުމާލެ ހޮސްޕިޓަލްގައި ބޭނުންކުރުމަށް ނިންމާފައިވާއިރު ގއ. މާމެންދޫ އަދި ގދ. ވާދޫ އަށްވެސް އެމްބިއުލާންސް ފޮނުވުމަށްވަނީ ނިންމާފައެވެ.

މިރަށްތަކުގެ އިތުރުން އެމްބިއުލާންސް ދިނުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ހއ. ތުރާކުނާއި ހއ. ވަށަފަރާއި ހއ. ބާރަށާއި ހދ. ކުޅުދުއްފުށި ސިޓީ، ޅ. ކުރެންދޫ އއ. ފެރިދޫ، މ. މުލައް، ދ. މީދޫ އާއި ދ. މާއެނބޫދޫ އާއި ލ. މާބައިދޫ ގެ އިތުރުން ލ. ގަމެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ ރަށަކަށް ވެސް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ގޮތުން އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށް މިދިޔަ ޖޫން މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަންޖެހޭއިރު، މީގެ ތެރެއިން 55 އެމްބިއުލާންސް ވަނީ ރާއްޖެ ގެނެސްފައެވެ.