English Edition
Dhivehi Edition
މާމަ ކާފަ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން އައްޑޫސިޓީގެ ފޭދޫއަވަށުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ހެދި “މާމަ ކާފަ ޕާކު”ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕާކު ހުޅުވައިދިނީ ފޭދޫގެ އުމުރުން ދުވަސްވީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

3500 އަކަފޫޓުގެ ބިމެއްގައި ތައްޔާރު ކުރި މި ޕާކަކީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ރައީސާ ޝިމްލާ އަޙްމަދުގެ ނަމުގައި ލިބިފައިވާ ފަންޑަކުން ތަރައްގީކުރި ޕާކެކެވެ. މި ފަންޑުގެ ދަށުން ޕާކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސްކީމް ޖަމިއްޔާއާއި ގުޅިގެންނެވެ،

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު”ގެ އެހީތެރިކަމާއެކު މި ޕާކުގެ މަސައްކަތް ނިންމާފައިވާއިރު މިއަދު ބޭއްވީ ޕާކުގެ ސޮފްޓް އޮޕެނިންގ ކަމަށާއި ޕާކުގެ ގްރޭންޑް އޮޕެނިން ބާއްވާނީ އެތަނުގައި އިންދަން ޖެހޭ ހުރިހާ ގަސްތަކެއް އިންދައި ނިންމައި މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގައި ޚާއްޞަ އިވެންޓް ތަކަކާއި އެއްކޮށް ކަމަށް ޝިމްލާ ވަނީ ވިދާޅުވެފައެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލުންނާއި ޑަބްލިޔުޑީސީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިތުރުން ސްކީމް ޖަމިއްޔާގެ މެމްބަރުންނާއި އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފޭދޫގެ އުމުރުން ދުވަސްވީ ބޭފުޅެއް ކަމަށްވާ ޝަކީބާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން މިފަދަ ތަނެއް ތައްޔާރުވެގެން ދިއުމަކީ ނިހާޔަތަށް އުފާ ކުރާ ކަމެއް ކަމަށާއި މިތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ބީއެމްއެލްގެ 50،000 (ފަންސާސް ހާސް) ރުފިޔާގެ އެހީތެރިކަމާއެކު ޕާކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު އެ މަސައްކަތް ފުރިހަމަ ކޮށް ނިންމުމުގައި އައްޑޫސިޓީ ކައުންސިލުންނާއި ބައެއް މުއައްސަސާތަކުން އަދި އަމިއްލަ ފަރުދުން ވަނީ ތަފާތު އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަވާފައެވެ.