English Edition
Dhivehi Edition
ދޫނިތައް މަރާލާފައި: އެ ދޫނިތައް ނައްތާލީ ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ - ފޮޓޯ/ސޯޝަލް މީޑިއާ

ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރި ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ އަށް ރައީސް މިހާރު އަންގަވާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެއް އިންޖެކްޝަން ޖަހައިގެން އިއްޔެ މަރާލާފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ދޫނިތައް މަރާލި މައްސަލަ އާއި ގުޅިގެން ގިން ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ ތަކެތި ނައްތައިލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.