English Edition
Dhivehi Edition

އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ނިޔާވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ކޮވިޑަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އުމުރުން 92 އަހަރުގެ ލަތާ ކޮވިޑަށް ޕޮޒިޓިވް ވުމުން މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

ބައެއް ރިޕޯޓުތައް ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑުން ރަނގަޅުވުމުން ވެސް ހޮސްޕިޓަލުގައި ބާއްވާފައި އޮތީ މުސްކުޅިވުމުންނާއި ހަދަންޖެހޭ ބައެއް ޓެސްޓުތައް ހެދުމަށެވެ.

ލަތާ ވަނީ އިންޑިއާގެ އެކި ބަސްބަހުން 30،000 އަށްވުރެ ގިނަ ލަވަ އެކި ފިލްމުތަކަށް ކިޔާފައެވެ.

ލަތާއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި ނެޝަނަލް ފިލްމް އެވޯޑްސް، ބީއެފްޖޭއޭ އެވޯޑްސް، ފިލްމްފެއަރ އެވޯޑު ފޮރ ބެސްޓް ފީމޭލް ޕްލޭބެކް ސިންގަރ، ފިލްމްފެއަރ ސްޕެޝަލް އެވޯޑު އަދި ފިލްމްފެއަރ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހިމެނެއެވެ.

މީގެ އިތުރުން ޕަދްމާ ބުޝާން އޮނަރ، ދާދާސާހެބް ޕަލްކޭ އެވޯޑު، މަހާރަޝްތުރާ ބުޝާން، ޕަދްމާ ވިބުޝާން، ބާރަތް ރަތްނާ އަދި ލެޖަން އޮފް އޮނަރ 2007 ވެސް ވަނީ ލަތާ ހާސިލުކޮށްފައެވެ.