English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

24 ޖަނަވަރީ އިން ފެށިގެން 07 ދުވަހުގެ މުއްދަތަށް ތިނަދޫގައި ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައި މިވަނީ އެރަށުން ގިނަ އަދަދަކަށް ކޮވިޑް-19އަށް މީހުން ފައްސިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމާއި ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އިތުރުން މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނެއެވެ. އެހެންނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މިފިޔަވަޅު އަޅާފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް ތިނަދޫ އީ.އޯ.ސީ އިން ބުނެއެވެ.

މީގެ އިތުރުން އެއްފަހަރާ 03 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓާލުމާއި ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް ތިނަދޫ އީ.އޯ.ސީ އިން ވަނީ އަންގާފައެވެ.

ހަމައެހެންމެ ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކުން އެއްވެސް ގޯއްޗެއްގެ ތެރެއަށް ނުވަނުމަށާއި އެކި ކަންތައް ކުރުމުގައި އެޗް.ޕީ.އޭ ގެ މިންގަނޑާއި އެއްގޮތަށް އަމަލުކުރުން ތިނަދޫ އީ.އޯ.ސީ އިން ވަނީ އާއްމުކޮށް އަންގާ އިއުލާނުކޮށްފައެވެ.