އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރަމުންދާ ޖެނަރޭޓަރުތަކަށް މައްސަލަތަކެއް ދިމާވެ ކަރަންޓު ކެނޑޭ މައްސަލައަށް އަންނަ ހަފްތާގައި ވަގުތީ ހައްލެއް ހޯދައި ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް ޓެކްނިކަލް އޮފިސަރ ހުސެން ހަމީޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން އައްޑޫއަށް ޖެނަރޭޓަރުތަކެއް ގެންގޮސް އަންނަ އާދީއްތަ ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތަށް މިވަގުތު ވަގުތީ ހައްލެއް ގެނައި ނަމަވެސް އެމައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިސާބުގައި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީގައި ބޭނުން ކުރަމުން އަންނަ 11 ޖެނަރޭޓަރުގެ ތެރެއިން ހަތަރު ޖެނަރޭޓަރަކަށް ވަރަށް މައްސަލަތަކެއް ދިމާވެގެން އެކަން ހައްލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 750 ކިލޯވޯޓުގެ ޖެނަރޭޓަރާއި 1000 ކިލޯވޯޓުގެ ދެ ޖެނަރޭޓަރަށް މައްސަލަ ދިމާވެ ސްޕެއާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 800 ކިލޯވޯޓުގެ ޖެނަރޭޓަރަށް ދިމާވި މައްސަލާގެ ބޮޑު ކަމުން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
“އައްޑޫގައި ޖުމުލަ 11 ޖެންސެޓު ގެންގުޅޭ އިރު އޭގެ ތެރެއިން ހަތަރު ސެޓަކަށް ވަރަށް ކައިރިކައިރީގައި މައްސަލަ ދިމާވި، އަދި މިދިޔަ ދުވަސްތަކުގައި މަރާމާތު ކުރެވުނީ އެންމެ ޖެނަރޭޓަރެއް، މި އެއްޗެހީގެ ސްޕެއާއަކީ އާންމުކޮށް މާލޭގައި ލިބޭ އެއްޗެއް ނޫން، އޯޑަރުކޮށްގެން ބޭރުން ގެންނަ އިރު ވެސް ފުދޭވަރަކަށް ދުވަސް ނަގާ،” ހަމީޒު ވިދާޅުވި އެވެ.
ހަމީޒް ވިދާޅުވީ މައްސަލަ ޖެހިފައިވާ ޖެނެރޭޓަރުތަށް މަރާމާތް ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް އަކީ މާލެއިން ލިބެން ހުންނަ އެއްޗެހިތަކެއް ނޫން ކަމުން އެ އެއްޗެހި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް އެ ސްޕެއާ ޕާޓްސް ގެނައުމަށް ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަގުތީ ހައްލެއްގެ ގޮތުން މިހާރު ގދ. ތިނަދޫއިން ދެ ޖެނެރޭޓަރު އައްޑޫއަށް ގެންގޮސް މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތިނަދޫއިން ގެންނަނީ 1.2 އަދި އެއް މެގަވޮޓުގެ ޖަނަރޭޓަރުތަކެއް ކަމަށް އޭނާ ވަނީ ހާމަ ކޮށްފަ އެވެ.
މި ޖެނެރޭޓަރު 8 އޮކްޓޯބަރުގައި އައްޑޫއަށް ފުރުވާލާފައިވާ އިރު އިއްޔެ ލޭންޑިން ކްރާފްޓް ވަނީ ލ. މާބައިދޫގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެރަށުގައި މަޑު ކުރުމަށްފަހު މިއަދު އަނެއްކާވެސް އައްޑޫއަށް ފުރާފައިވާ ކަމަށާއި މާދަން ނޫން އަނެއްދުވަހު އައްޑޫއަށް ޖަނަރޭޓަރުތަށް ގެންގޮސް 15 އޮކްޓޯބަރާ ހަމައަށް ހިދުމަތް ދިނުން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ހަމީޒް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ބަލަނީ އިންޖީނު ރަށަށް ލިބޭތާ 24 ގަޑިއިރު ތެރޭގައި އައްޑޫއަށް ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލު ލިބިގެން ދިއުމަށް، މި އިންޖީނުތައް އިންސްޓޯލްކޮށް ކަރަންޓު ދެވުމުން މިހާރު މި ދިމާވެގެން އުޅޭ މައްސަލައަށް ވަގުތީ ހައްލެއް ނާންނާނެ، އެއްވެސް ތަނަކުން ކަރަންޓު ކަނޑާކަށް ނުޖެހޭނެ،” ހަމީޒު ވިދާޅުވި އެވެ
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖެނަރޭޓަރުތައް މައްސަލަ ޖެހިފައިވާތީ ކަރަންޓު ކަނޑަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.