English Edition
Dhivehi Edition
ހުޅުމީދޫގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްގެ ކުރެހުމެއް

މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް އައްޑޫސިޓީގެ 2 އަވަށެއްގައި ގާއިމް ކުރުމަށް ނިންމައި ޓެންޑަރ ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމް ކުރުމަށް ނިންމާފައިވަނީ މީދޫއާއި ފޭދޫގައެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ މަލްޓި ޕަރޕަސް އިންޑޯ ކޮމްޕްލެކްސްގެ ކޮންސެޕްޗުއަލް ޑިޒައިން ފައިނަލް ކޮށް މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، މިހާރު ޓެންޑަރ ބޯޑަށް ފޮނުވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ މި ދެ ރަށުގެ އިތުރުން ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، އަދި ފުވައްމުލައް ސިޓީގައިވެސް މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ހަމަޖައްސާފައެވެ.

މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ މަލްޓި ޕަރޕަސް އިންޑޯ ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީކުރާ އިމާރާތްތަކެކެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާވެސްއެކުއެވެ.

އަތޮޅުތަކުގައި ތިބެގެން ޢާއްމު ޚިދުމަތްތަކާއި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށުގައި ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމުކުރުމުގެ މަސައްކަތާއި އައުޓްޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަވަމުންނެވެ.