English Edition
Dhivehi Edition

މަހަށް ނިކުމެ އުޅެނިކޮށް ޝަންގްރިއްލާ ރިސޯޓުގެ ބޭރުން، ސ.ގަމު ކަނޑުއޮޅި ތެރެއަށް އަށް ރޭ ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ ސުމެއިދުގެ އެންމެ ފަހު ބަހަކަށްވީ “އަހަރެންގެ ދަރިފުޅާއި އަންހެނުންގެ ހާލުބަލައި އަޅާލާތި” ކަމަށް އޭނާ އާއެކު ލޯންޗުން ދިޔަ ރަޙުމަތްތެރިން ބުނެފިއެވެ. ސުމެއިދު މިހެން ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލުމުން ސުމައިދާއެކު ދެންތިބި ދެމީހުން ފަތާފައި ޝަންގްރިއްލާ ދިމާއަށް ދަނިކޮށް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ފުލުހުންގެ ކޯޕްރަލްއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އައްޑޫ ސިޓީ ހިތަދޫ، އާބިން، މުހައްމަދު ސުމައިދު، 27، އިއްޔެ ހަވީރު ދެ ރަޙްމަތްތެރިންނާ އެއްކޮށް މަހަށް ނިކުމެގެން އުޅެނިކޮށް ހިނގި މިހާދިސާގައި ސުމެއިދު އާއި އެކީ ދިޔަ 2 މީހުން ވަނީ ސަލާމަތްވެފައެވެ. ނަމަވެސް ސުމައިދަށް ވީ ގޮތެއް އަދި ނޭނގެއެވެ. ސުމައިދު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ބަންޑުން ޖަހާލި ލޯންޗު ވަނީ ފެނިފަ އެވެ. ލޯންޗު ފެނުނީ ޝަންގްރިންލާ ރިސޯޓުގެ ކައިރީގައި އޮންނަ ފަޅު ރަށަކަށް ލައްގާފައި އޮއްވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުގައި ވަރަށް އޮއި ގަދަ އެވެ. މިހާދިސާގެ މަޢުލޫމާތު ރޭ 20:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް ހަކުރާ އާއި ހާބަރކްރާފްޓް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސުމެއިދު ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖަރޒީއަކާއި ކަޅުކުލައިގެ ޓްރެކްޝޫޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ސުމެއިދު އާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި މިހިސާބު ރަށްތަކުން ބަލައިދިނުން އެދޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސުމެއިދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.