English Edition
Dhivehi Edition

ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ޖަރުމަންގެ ބަޔާންމިޔުނިކް އާއި ޕޯލަންޑްގެ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީ ކާމިޔާބު ކޮށްފި އެވެ.

ލެވެންޑޯސްކީ އާ އެންމެ ގާތުން އެ ވޯޑަށް ވާދަ ކުރީ، ފްރާންސު ފުޓްބޯޅައިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ޕީއެސްޖީ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއި ލިވަޕޫލް އާއި މިސްރުގެ ތަރި މުޙައްމަދު ސަލާހުއެވެ. އެ ވޯޑްގެ ދެ ވަނަ އަށް ދިޔައީ ޕީއެސްކީ އާއި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ އެވެ. ތިން ވަނަ ލިބުނީ ސަލާހުއަށެވެ.

ރޭގެ މި އެވޯޑް ލެވެންޑޯސްކީއަށް ލިބުނުއިރު، މިއީ މި އެވޯޑް ޖެހިޖެހިގެން އޭނާ ހޯދި ދެވަނަ ފަހަރެވެ.

މި އެވޯޑް ލެވެންޑޯސްކީއަށް ލިބުނުއިރު، އޭނާ ވަނީ ނިމިގެން ދިޔަ އަހަރު ބަޔާންގައި މޮޅު ކުޅުމެއް ދައްކާ ޖަރުމަންް ލީގުގައި ކުޅުނު 29 މެޗުން 41 ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބަޔާން އާއި އެކު ފީފާ ކްލަބް ވޯލްޑް ކަޕާއި ޖަރުމަން ލީގުވެސް ކާމިޔާބު ކޮށްފައެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ފީފާ އެވޯޑް ހޯދީ 48 ސްކޯރިން ޕޮއިންޓް ހޯދައިގެންނެވެ. ލެވަންޑޯސްކީގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން އޭނާ އަށް 535 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 555 ޕޮއިންޓް، މީޑިއާގެ ފަރާތުން 589 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 353714 ޕޮއިންޓް ލިބިފަ އެވެ.

ދެ ވަނަ އަށް ދިޔަ މެސީ ސްކޯރިން ޕޮއިންޓަކީ 44 ޕޮއިންޓެވެ. އޭނާ އަށް ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން 254 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 344 ޕޮއިންޓް، މީޑިއާގެ ފަރާތުން 409 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 708،206 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނަ އަށް ދިޔަ ސަލާހު ސްކޯރިން ޕޮއިންޓަކީ 39 އެވެ. ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން ސަލާހު އަށް 271 ޕޮއިންޓް ލިބުނުއިރު، ގައުމީ ޓީމުތަކުގެ ކެޕްޓަނުން ވަނީ 176 ޕޮއިންޓް ހޯދައިދީފަ އެވެ. މީޑިއާގެ ފަރާތުން 184 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން 528،245 ޕޮއިންޓް ސަލާހު އަށް ވަނީ ލިބިފަ އެވެ.

މި އެވޯޑަށް މެސީ ވޯޓު ދިނީ ނޭމާ އާއި ކީލިއަން އެމްބާޕޭ އަދި ކަރީމް ބެންޒެމާ އަށެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވޯޓު ދިނީ ލެވަންޑޯސްކީ، ޖޯޖީނިއޯ އަދި އެންގޯލޯ ކާންޓޭއަށެވެ. ސަލާހު ވޯޓް ދީފައިވަނީ މެސީ، ލެވެންޑޯސްކީ އަދި ޖޯޖީނިއޯ އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާގެ އެލެކްސިއާ ޕުޓޭލާސް އެވެ.