ރައްޔިތުންނަށް ސަރުކާރެއް އޮތުމުގެ ހަޤީޤީ ބޭނުން އަންގައިދިނީ 2008 ގެ އެމް.ޑީ.ޕީ ސަރުކާރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވިދާޅުވީ، ށ. ފޯކައިދޫއަށް ވަޑައިގެން، އެރަށުގެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، އަތޮޅުތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނެސްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަސާސްކަމަށާއި އެކަންކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަހަންކެރޭ ސަރުކާރެއްކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުން ވަރަށް ރަނގަޅަށް އެކަންހާމަކޮށްދޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ ގާތް، ރައްޔިތުންނަށް އަޅާލާ ސަރުކާރެއް ކަމަށާއި ސަރުކާރުން އަބަދު ވެސް ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ.
” ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން އަބަދު ވެސް ސަރުކާރުން ބޭނުންވޭ. ކޮވިޑް-19ގެ މި ދަތި ޙާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ މުޙިއްމު ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި އެގެންދަނީ ކުރިއަށް.” ނައިބު ރައީސް ވިދާޅުވިއެވެ.