English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

މާލޭގެ ރަސްފަންނު ސަރަހައްދަކީ ހިތްއުފާ ކޮށްލުމަށާއި ފިނިވައި ޖައްސާލައި، މޫދަށް އެރިލުމަށް ކޮންމެދުވަހަކު ވެސް ގިނަ ބަޔަކު ގޮސްއުޅޭ ސަރަހައްދެކެވެ.

އެކި ޢުމުރުފުރައިގެ މީހުންނެވެ. ވަކި ވަގުތެއް ނެތި އެ ސަރަހައްދަށް ދަނީ ތޮށްޖެހިފައިވާ “ފުރަމާލޭ” ގައި ހިތްހަމަ ޖެހުމާއެކު މަޑުކޮށްލައިގެން ތިބެވޭނެ މާގިނަތަނެއް ނެތުމާއެކު، އެ ސަރަހައްދުން ލިބޭ އުފާވެރިކަމެއްގެ ވެސް ސަބަބުންނެވެ.

އެހެންނަމަވެސް މިހާރު އެ ސަރަހައްދަކީ “ރަސްފަންނު ގޮނޑޭ” ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ސަރަހައްދުގައި އެ ހުރި ކުނިބުންޏަކީ ހަމަގައިމު ވެސް އަމިއްލައަށް އެ ސަރަހައްދަށް ދިޔަ ތަކެއްޗެއް ނޫނެވެ. އަދި އެތަކެތި އަމިއްލައަށް އެ ސަރަހައްދުން ނުވެސް ދާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ނައިޓް މާކެޓް ނުވަތަ އެންމެން ދަންނަގޮތަށް ބުނާނަމަ “އުނގުޅޭ ބާޒާރު” ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، މާލޭ ގައި މިވަނީ ނައިޓް މާކެޓެއް ބާއްވާފައެވެ. އަދި އިތުރު ނައިޓް މާކެޓެއް ބޭއްވުމަށް ތައްޔާރުވެ، މާކެޓް ހުޅުވި ރޭ ވަނީ އެތަން ބަންދުކޮށްފައެވެ. މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ޕޮޒިޓިވް ޢަދަދުތައް އިންތިހާއަށް މައްޗަށް ދާންފެށުމުންނެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކުރި ނައިޓް މާކެޓް ބޭއްވުމަށް އެޗްޕީއޭ އިން ފުރަތަމަ ވެސް ހުއްދަދިނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށެވެ. ކުރިން ބޭއްވި ނައިޓް މާކެޓުތައް ވެސް ބޭއްވުމަށް ހުއްދަ ދީފައިވަނީ އެ އުސޫލުންނެވެ. ނަމަވެސް ކުރިން ބޭއްވި ނައިޓް މާކެޓުތަކުގައި ވެސް އެތަނަކީ ހަމަރަނގަޅަށް ވެސް “އުނގުޅޭ ބާޒާރަކަށް” ވަނީ ވެފައެވެ.

އެހެންވެ، ޢާންމު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާތީ، އެޗްޕީއޭ އިން އެތަން އިންސްޕެކްޓު ކުރި އިރު، ގައިޑްލައިނާ ޚިލާފަށް ހުރުމުން ބަންދުކުރީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއެވެ. އެޗްޕީއޭގެ މި ނިންމުމާ ހިތްހަމަ ނުޖެހިގެން ނައިޓް މާކެޓް ގައި މޭޒުތައް ކުއްޔަށް ހިފި މީހުން މުޒާހަރާ ވެސް ކުރިއެވެ. އެކަމަކު އެޗްޕީއޭ އިން އިސްކަން ދިނީ ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ.

ކޮންމެއަކަސް ނައިޓް މާކެޓް ބޭއްވޭގޮތް ނުވުމުން އެ ސަރަހައްދުގައި މޭޒުތައް ޖަހާފައިވާ ބައެއް ފަރާތްތަކުން ވަނީ މޭޒުތައް ނަގާފައެވެ. އެކަމަކު ހުރިހައި ކުންޏެއް ބެހެއްޓީއެވެ. މިހާރު އެއީ އެމީހުން ގެނައި އެއްޗަކަށް ނުވަނީކަންނޭނގެއެވެ.

މި ކުނިތައް މުޅި އެ ސަރަހައްދުގައި ޖެހޭހައި ވަޔާ، ވެހޭހައި ވާރޭގައި މަޖާ ނަގަމުން އެދަނީ ޢާންމު އުނދަގުލަކަށް ވާ ޒާތަށެވެ. އެކަމަކު އެކަން މަނާކޮށް އެއީ ގޯސް ކަމެއްކަން އަންގައިދޭނީ ކާކު ހެއްޔެވެ؟ ނުވަތަ ކޮން އިދާރާއަކުން ހެއްޔެވެ؟

ނައިޓް މާކެޓް ނުބޭއްވުމުން އޭގެ އުނދަގޫ ޢާންމު ރައްޔިތުންނަށް ނުޖައްސަމާތޯއެވެ.