English Edition
Dhivehi Edition

ގއ. ދާންދޫ އާއެކު ފަސް ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމަށް ޗައިނާއިން އެހީވުމަށް ނިންމައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ވާންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވާ މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިއީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މި ރަސްމިއްޔާތުގައި ދެގައުމުން ވަނީ ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުމާއި ސިއްޙީ ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމަށާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ. މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.