English Edition
Dhivehi Edition
ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި.

ކޮންމެ ދޯންޏަކުން 5 ޓަނުމަސް ކިރާގޮތަށް އޮތް އޮތުން ބަދަލުކޮށް އަންގާރަ ދުވަހުންފެށިގެން ކޫއްޑޫއިން ދޯންޏަކުން 8 ޓަނުމަސް ކިރޭނެކަމަށް ނިންމުމަށްފަހު ޖެނުއަރީ 5އިން ފެށިގެން ކޮންޓްރޯލެއްނެތި މަސްކިރޭނެ ކަމަށް ހާމަކޮށްފިއެވެ.

މިފްކޯއިން މަސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ “ވަޓްސް އެޕް” ގުރޫޕު މެދުވެރިކޮށް ބުނެފައިވަނީ ހުވަދޫ އަތޮޅުގެ މަސްވެރިކަން މިހާރު ހުރި ގޮތުން ދޯންޏަކުން 5 ޓަނުމަސް ގަންނަ ގޮތަށް ކޮންޓްރޯލް ކޮށްފައި އޮތް އޮތުން ދޫކޮށް، އެ އަދަދު ޑިސެންބަރ 4 ން ފެށިގެން 8 ޓަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުންފެށިގެން ކޫއްޑޫއާއި އަދި ކޫއްޑޫގެ ބޯޓު ފަހަރުން މަސް ގަންނަނީ ކޮންމެ ދޯންޏަކުން 8 ޓަނު މަހެވެ. މިފްކޯއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިހާރު ބުނެފައިވަނީ ހުވަދު އަތޮޮޅުގެ މަސްވެރިކަން ހުރި ގޮތުން 5 ޖެނުއަރީ 2022 އިން ފެށިގެން ކޫއްޑޫއާއި ކޫއްޑޫގެ މަސްކިރާ ބޯޓުތަކުން މަސްގަންނާނީ ކޮންޓްރޯލެއް ނެތި ކަމަށެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަނީ މިފަދަ ވަގުތުތަކުގައި މަސްވެރިންގެ ފަރާތުން ލިބޭ އަދި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް މަސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަގަޅުވެ ގިނަ އަދަދަކަށް މަސްބާނަން ފެށުމާއި ގުޅިގެން މިފްކޯގެ ސެންޓަރުތަކަށް މަސް ކިރުމާއި މަސް ރައްކާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ބުނެ، މިދިޔަ ޑިސެމްބަރު މަހު 24 ވަނަ ދުވަހު މިފްކޯއިންވަނީ މަސްގަތުން ކޮންޓްރޯލްކޮށް، ކޮންމެ ދޯންޏަކުންވެސް 5 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައެވެ. އޭގެފަހުން 28 ޑިސެމްބަރު 2021ގައި ފެލިވަރުގައި ކޮންޓްރޯލެއްނެތި މަސްކިރަންވަނީ ފަށާފައެވެ. އަދި ހަމައެހެންމެ 1 ޖެނުއަރީ 2022 ގައި ކޫއްޑޫއަށް މަސްކިރާ ލިމިޓްވެސް ވަނީ 6 ޓަނަށް ބަދަލުކޮށްފައެވެ.

މިހާރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ދުވާލަކު 50 ޓަނު މަސްކިރާގޮތަށް މިފްކޯއިން ވަނީ ހަމަޖައްސާފައެވެ.

ގއ.ގެ ރަށްތަކަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅަކަށްވެފައި މިފްކޯއިން މަސްކިރާ މިންވަރު ކޮންޓްރޯލް ކުރުމުގެ ސަބަބުން އެއަތޮޅުގެ ގިނަ މަސްވެރިންވަނީ އެކަމުގެ ޝަކުވާ އުފުލާފައެވެ. މިދަނޑިވަޅަކީ ގއ. ވިލިނގިލީގެ ކައުންސިލަރުން މާލެއަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅަކަށް ވެފައި ފިޝަރީޒް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދުއާ ބައްދަލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެބޭފުޅުންވަނީ މަސްވެރިންގެ ކަންބޮޑުވުން މިނިސްޓަރާއި ޙިއްސާކުރައްވައި މަހަށް ހަމަ އަގު ނުލިބުމާއި ކޮންޓުރޯލްކޮށް މަސް ކިރާ ގޮތަށް އޮތުމުން ލިބޭ ގެއްލުމުގެ ވާހަކަ ޙިއްސާ ކުރައްވާފައެވެ.