English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖޭޝް ކަންނާގެ މަރަށް 9 އަހަރުވެފައިވާއިރު އަދިވެސް އޭނާގެ ހަނދާންތައް ބެލުންތެރިންގެ ހިތުން ފިލައިގެން ނުދާކަން ޔަގީނެވެ. ރާޖޭޝް ކަންނާއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މީހަކު، ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރިތަން ފެނިގެން ދިޔަ މިސާލެކެވެ. ފިލްމުތަކުގައި ދެއްކި މޮޅު ހުނަރާއެކު އަދިވެސް އެތައް ބައެއްގެ ހިތުގައި ރަޖޭޝް ކަންނާ ވަނީ ބިންވަޅު ނެގިފައެވެ.

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، ރާޖޭޝް ކަންނާ އުފަންވީތާ 79 އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ބައޮޕިކް އެއް އިއުލާންކުރުމެވެ، ރާޖޭޝް ކަންނާގެ ހަޔާތުގެ މައްޗަށް ގޯތަމް ޗިންޓަމާނީ ލިޔެފައިވާ ބެސްޓްސެލާ “ޑާކް ސްޓާ: ދަ ލޯންލިނަސް އޮފް ބީން ރާޖޭޝް ކަންނާ”ގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު އިއުލާންކޮށްފައިވަނީ ޕްރޮޑިއުސަރު ނިކިލް ދިވޭދީ އެވެ.

ބައޮޕިކްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިކިލް ބުނީ އެ ފޮތުގެ ކޮޕީރައިޓް ގަނެފައިވާ ކަމަށެވެ. އަދި ފިލްމު ޑައިރެކްޓަރަށް ފަރާ ޚާން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަަމށް ވެސް ނިކިލް ވަނީ ބުނެފައެވެ. މީގެ އިތުރުން ނިކިލް ބުނީ ވަރަށް އަވަހަށް ފިލްމު އުފެއްދުމުގެ މަސައްކަތް ފަށަން ގަސްތުކުރާ ކަމަށެވެ.

މީގެ 47 އަހަރު ކުރިން، ރާޖޭޝް ކަންނާ ފުލުފުލުގައި ގެނެސްދިން ކާމިޔާބު 17 ފިލްމަކީ އަދިވެސް ބެލުންތެރިން ބަލާ ފޫހިނުވާ ފިލްމުތަކެވެ. 1966 ވަނަ އަހަރު “އާހިރީ ޙަތު” އިން ބޮލީވުޑަށް ތައާރަފްވި ރާޖޭޝް ކަންނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އާނަންދު، އަރާދަނާ، ބަވަޗީ އަދި އާޕްކީ ކަސަމް ފަދަ ފިލްމުތައް ހިމެނެއެވެ،

ރާޖޭޝް ކަންނާގެ ހިދުމަތުގެ އަގު ވަޒަންކޮށް އެކިއެކި ދާއިރާތަކުން އިންޑިއާ އަށް ހިދުމަތްކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ އެވޯޑް ކަމުގައިވާ ‘ޕަދްމަ ބުޝަންއެވޯޑް’ވެސް އޭނާ އަށް ވަނީ ލިބިފައެވެ.