English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖޭޝް ކަންނާގެ މަރަށް 7 އަހަރުވެފައިވާއިރު އަދިވެސް އޭނާގެ ހަނދާންތައް ބެލުންތެރިންގެ ހިތުން ފިލައިގެން ނުދާކަން ޔަގީނެވެ. ރާޖޭޝް ކަންނާއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މީހަކު ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރިތަން ފެނިގެން ދިޔަ މިސާލެކެވެ. ފިލްމުތަކުގައި ދެއްކި މޮޅު ހުނަރާއެކު އަދިވެސް އެތައް ބައެއްގެ ހިތުގައި ރަޖޭޝް ކަންނާ ވަނީ ބިންވަޅު ނެގިފައި ކަން ޔަގީންވެގެން ދިޔައީ އޭނާގެ 77 ވަނަ އުފަންދުވަހު އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ މެސެޖްތަކުންނެވެ. ރާޖޭޝް ކަންނާގެ ދަރިފުޅު ޓުވިންކަލް ކަންނާ ބައްޕަގެ އުފަންދުވަހާއި ދިމާކޮށް ހިއްސާކޮށްފައިވާ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މި ޕޯސްޓް ވެގެން ދިޔައީ ރާޖޭޝް ކަންނާ ދުނިޔޭގައި ނެތްނަމަވެސް އޭނާ ދެކެ ލޯބިވާ މީހުން ގިނަ ކަން ހާމަވެގެން ދިޔަ ޕޯސްޓަކަށެވެ.މީގެ 47 އަހަރު ކުރިން، ރާޖޭޝް ކަންނާ ފުލުފުލުގައި ގެނެސްދިން ކާމިޔާބު 17 ފިލްމަކީ އަދިވެސް ބެލުންތެރިން ބަލާ ފޫހިނުވާ ފިލްމުތަކެވެ.

1966 ވަނަ އަހަރު “އާހިރީ ޙަތު” އިން ބޮލީވުޑަށް ތައާރަފްވި ރާޖޭޝް ކަންނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ:

  • އާނަންދު:1971 ވަނަ އަހަރު އާމީތާބް ބައްޗަން އާއި ރަޖޭޝް ކަންނާ އެކުގައި ފެނިގެން ދިޔަ ފިލްމު ‘އާނަންދު’ އަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމެކެވެ. އާނަންދު ރޯލުން ރާޖޭޝް ކަންނާ ފެނިގެން ދިޔަ މި ފިލްމުގައި އޭނާ ކުޅެފައިވަނީ ބޮޑު ބައްޔަކާ ހަނގުރާމަކުރަމުން ދިޔަ މީހެއްގެ ރޯލެވެ.
  • އަމަރް ޕްރޭމް: 1972 ވަނަ އަހަރު ޝަރްމީލާ އާއި އެކު ރަޖޭޝް ކަންނާ ފެނިގެން ދިޔައީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ރޯލުންނެވެ.
  • އަރާދަނާ: މި ފިލްމަކީވެސް ޝަރްމީލާ އާއި ރަޖެޝް ކަންނާގެ ޖޯޑު ފެނިގެން ދިޔަ ހިތްގައިމު ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ހިމެނޭ ރީތި ލަވަތަކުގެ ސަބަބުން ފިލްމަށް އިތުރު ފުރިހަމަކަމެއްވަނީ ގެނެސް ދީފައެވެ.
  • ބަވަޗީ: ރަޖޭޝް ކަންނާ ގަބޫލުކުރާ ގޮތުގައި މި ފިލްމުގައި ފެނިގެން ދިޔަ ރޯލަކީ އޭނާގެ މުޅި ހަޔާތުގައިވެސް އެންމެ ކުޅެން ބޭނުންވި އަދި އޭނާ އާއި އެންމެ ގުޅޭ އެއް ރޯލެވެ.
  • އާޕްކީ ކަސަމް: 1974 ވަނަ އަހަރު ރަޖޭޝް ކަންނާ މި ފިލްމުގައި ފެނިގެން ދިޔައީ ހަސަދަވެރި ފިރިއެއްގެ ރޯލުންނެވެ.

މީގެ އިތުރުން ރަޖޭޝް ކަންނާވަނީ ސިނަމާތަކަށް އޭނާގެ ގިނަ މޮޅު ފިލްމުތަކެއް ދޫކޮށްލާފައެވެ. ރާޖޭޝް ކަންނާގެ ހިދުމަތުގެ އަގު ވަޒަންކޮށް އެކިއެކި ދާއިރާތަކުން އިންޑިއާ އަށް ހިދުމަތްކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ އެވޯޑް ކަމުގައިވާ ‘ޕަދްމަ ބުޝަންއެވޯޑް’ވެސް އޭނާ އަށް ވަނީ ލިބިފައެވެ. ޑިމްޕަލް ކަޕާޑިއާގެ ފިރިމީހާ ރާޖޭޝް ކަންނާ، 2012 ގައި މަރުވި އިރު އޭނާ އަކީއިންޑިއާގެ ފުރަތަމަ ސްޕަސްޓާރެވެ.ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، ރާޖޭޝް ކަންނާ މަރުވީ 18 ޖުލައި 2012 ގަ އެވެ.ކަޅާއި ހުދުގެ ޒަމާނުން ފެށިގެން ކުލަ މަންޒަރުތަކާއި ހަމައަށް އައި އިރުވެސް ރަޖޭޝް ކަންނާއަކީ ބޮލީވުޑްގައި އެ ފަދަ ދެވަނަ އެއް ނެތްފަދަ ތަރިއެކެވެ.