English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

އދ. ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގާ މިއަދު ބާއްވަން ތާވަލުކުރި ޝަރީޢަތް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު 10:30 ގައި ބާއްވަން ތާވަލުކޮށްފައިވަނީ މަހްމޫދު މަރާލިކަމަށް، އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ޝަރީޢަތެވެ. މި ޝަރީއަތް ކެންސަލްކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

މިއަދު ފެށުމަށް ނިންމާފައިވަނީ ޝާ އަލޮމް މިއާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ޤޮތުގައި ކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތެވެ.

މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާ، މަޙުމޫދަށް ހަމަލާދީ މަރާލާފައިވަނީ ފައިސާގެ ބޭނުމުގައިކަން ތަޙުޤީގަށް އެނގިފައިވާކަމަށާއި މަޙްމޫދަށް ހަމަލާދިނުމުގެ ކުރިން ވެސް ވައްކަމުގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުން އޮތްކަން ހާމަވެފައިވާ ކަމަށެވެ.

މަޙްމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން ނެވެ. އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަޙުޤީގަށް ފާހަގަކުރެވުނުކަމަށާއި މަޙްމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން ހަށިގަނޑު، ހަމާލާދިން ގޭގައި ބޭއްވިކަމަށް ފުލުހުންގެ ތަހުގީގަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ މަޙްމޫދަށް ހަމަލާދީފައިވާކަން ތަޙުޤީގަށް އެނގިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

ޝާ އަލޮމް މިއާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ނެވެ. އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ވެސް ވަނީ ފެނިފަ އެވެ.

ފުލުހުން ބުނެފައިވަނީ ޖުމްލަ 6 ތުހުމަތެއް ޝާ އަލޮމް މިއާއަށްކުރެވޭއިރު، ކުށް ކުރިކަން ސާބިތުވާވަރަށް ޝާ އަލޮމް މިއާއާ ދެކޮޅަށް ހެކިލިބިފައިވާ ކަމަށެވެ. މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން، އެހެން ބައެއްގެ ބައިވެރިވުން އޮތްކަމަށް ފާހަގަނުވާކަންވެސް ފުލުހުންވަނީ ހާމަކުރައްވާފަ އެވެ.