English Edition
Dhivehi Edition

މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށް، މާދަމައިން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖައްސައިފިއެވެ.

މިފްކޯއިން ބުނީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ ހުރިހާ ހިސާބެއްގައި ދޯނިފަހަރު އެއްފަހަރާ މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއިއެކު މަސްކިރުވުމަށް ދަތިތަކާއި ވަނީ ދިމާވެފައި ކަމަށެވެ.

ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަންނަން ބޭނުންވާތީ، މިމަހުގެ 23ވަނަ ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ހުކުރު ދުވަހުގެ ބަޔަކާއި އެކީގައި ކިރަމުންދާ ކަމަށް މިފްކޯއިން ހާމަކުރެއެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ މަސް ނުކިރާ މިފްކޯގެ ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ހާލަތަށް ބަލައި ފާއިތުވި 4 ހުކުރުދުވަހުވެސް މަސް ކިރުވުމުގެ މަސައްކަތް މިފްކޯއިން ދިޔައީ ހުއްޓުމެއް ނެތި ކުރިއަށްގެންދަމުންނެވެ.

ފާއިތުވެދިޔަ ދޮޅުމަސް ދުވަހު އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރުތައް ފެރެމުން އަންނާތީ، މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯރޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

މި ގޮތަށް ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރިނަމަވެސް މަސްކިރަން އަންނަ ދޯނިފަހަރާއި، އެ ދޯނިތަކުން ގެންނަ ޢަދަދުތައް މާބޮޑަށް ގިނަވެ، މިހާރު ކިޔުގައިހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ މާދަމައިން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖައްސާފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މިފްކޯއިން ބުނީ މިގޮތަށް ޖަމަޖެއްސި ކަމުގައި ވީނަމަވެސް ސެންޓަރުތަކުން މިހާރު ކިޔު ނަމްބަރު ދެވިފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން، އެދޯނިފަހަރުގެ މަސް ކޮންޓްރޯލެއް ނެތި ކިރަމުންދާނެ ކަމަށެވެ.

ފާއިތުވެދިޔަ 2020ވަނަ އަހަރު މިފްކޯއިން ވަނީ 49،392 ޓަނުގެ މަސް ގަނެފައެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް މިފްކޯއިން ވަނީ ގަނެފައެވެ. ހަމައެކަނި މި ޑިސެމްބަރުމަހުގެ މި ހިސާބަށް 8،796 ޓަނުގެ މަސް މިފްކޯއިން ވަނީ ގަނެފައެވެ. މިއީ މިފްކޯގެ ތާރީޙުގައި މަހެއްގެ ތެރޭގައި އެންމެ ގިނައިން މަސް ލިބޭނެ މަސް ކަމަށާއި މި މަސް ނިމޭއިރު 10،500 ޓަނުގެ މަސް ގެނެވޭނެ ކަމަށް އެކުންފުނިން އަންދާޒާ ކުރެއެވެ. މަސް ގަތުމުގެ ކެޕޭސިޓީއަށް ގެނެވިފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް މިފްކޯއިން ގަންނަމުންދެއެވެ.

ރަނގަޅު މަސްވެރި މޫސުމުގައި މަސް ކިރުވުމަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު އެ ކުންފުނިން ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަށް ނިމުމުން، މަސްވެރިންގެއަތުން މަސްގަތުމަށް މިހާރު ދިމާވަމުންދާ މައްސަލަ ހައްލުވެގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.