English Edition
Dhivehi Edition

ގދ. ގައްދޫގެ ބަނދަރު މަރާމާތުކޮށް، ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފިއެވެ.

ގައްދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙާމީދެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

1 އަހަރުން ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަސައްކަތުގައި ބަނދަރުގެ އެއްގަމު ތޮށި މުޅިން މަރާމާތުކުރުން ހިމެނެއެވެ. އެއީ 320 މީޓަރުގެ އެއްގަމު ތޮށްޓެވެ. މީގެއިތުރުން 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. ބަނދަރު ހަދަނީ އެއްގަމު ތޮށްޓާއި ބޭރުތޮށި ގުޅާލުމަށް ކުޑަ ބްރިޖަކާއެކުއެވެ. އެއީ 26 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެކެވެ.

38.41 މިލިއަން ރުފިޔާ ހަރަދުކުރާ މި މަސައްކަތުގައި 1،600 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީ.އައި.އޭ) ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.