English Edition
Dhivehi Edition
އޭސީސީގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކޮމިޝަނުގެ މަގާމެއް ހުސްވުމާގުޅިގެންނެވެ. އެމަގާމް ހުސްވީ މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ 4 މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅޭ ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދަނިކޮށް އެކޮމިޝަންގެ މެންބަރުކަމުން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެދުވަހުގެ ޖަލްސާގައި ވަނީ ކޮމިޝަންގައި ބާކީ ތިއްބެވި 3 މެންބަރުންނަށް 5 ދުވަހުގެ މުހުލަތެއް ދީފައެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތަކާއި އިގުރާރުތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ، މިމަހުގެ 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. ރައީސް އޮފީހުގެ ވެބްސައިޓް އިން ފޯމާއި އިގްރާރު ޑައުންލޯޑް ކުރެވޭނެއެވެ.

ޝަކީލް އިސްތިއުފާ ދެއްވާފައިވަނީ، އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަމަށް، އޮޑިޓް އޮފީހުން ހެދި ޕާފޯމެންސް އޮޑިޓް ރިޕޯޓުން ހާމަވާތީ، އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

މިހާރު އެކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސާ ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބްދުﷲ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޭސީސީގެ މެންބަރުކަމުން އަލީ އަޝްރަފުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޑިސެންބަރ 16ގެ ނިޔަލަށް ހުޅުވާފައިވެއެވެ. އެހެން ނަމަވެސް އަދި މަޖިލީހުން އެ ގޮނޑިއަށް މެންބަރަކު އައްޔަންކޮށްފައެއް ނުވެއެވެ.