English Edition
Dhivehi Edition

ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދުގެ މައްޗަށް އުފުލި ޖިންސީ ދައުވާތައް ސާބިތު ނުވުމުން އޭނާ މިނިވަން ވެއްޖެ އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާކަމަށް ކަނޑައަޅައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ މިނިވަންކޮށްފައިވާ އިރު، ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިމެންދެން އޭނާ ބަންދުކޮށްފައިހުރީ ވެސް ގދ. ތިނަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް ގައެވެ.

އެ މައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވުމުން އޭނާ މިއަދުވަނީ އޮފީހަށް ނުކުމެ، މަސައްކަތްތަކާ ހަވާލުވެފަ އެވެ.

ދައުލަތުން އޭނާގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ދަނިކޮށެވެ. އެ މައްސަލައިގާ ޕީޕީއެމް އާއި ޕީއެންސީން ކުރިން ވެސް ބުނެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ބަންދު ކޮށްފައިވަނީ ރަނގަޅު ތުހުމަތުތަކެއްގައި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މުޙައްމަދު އަޙްމަދަކީ މީގެ ކުރިން ވެސް އެރަށު ކައުންސިލް މެމްބަރުކަން ކޮށްފައިވާ ފަރާތެކެވެ. އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފަ އެވެ.