English Edition
Dhivehi Edition

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 52 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެކެވެ. މިދެމީހުންގެ ތެރެއިން 52 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން 3 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ތ.ވިލުފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ތ.ވިލުފުށި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލާފާސްކުރިއިރު މީނާގެ އަތުގައި އޮތް ޕްލާސްޓިކް ދަޅެއްގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންގަޑެެއް ފެނިފައިވެއެވެ. 19 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްއިވަނީ، ކ.މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން 2017 ޖޫން 4 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ކ.މާފުށިި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ކ.މާފުށި ބަނދަރުމަތި ސަރަޙައްދުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު މީނާގެ އަތް ދަބަސްތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 05 ރަބަރު ޕެކެޓާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ. މީގެ އިތުރުން 2017 ޖޫން 01 ވަނަ ދުވަހު ކ.މާފުށި ފެރީގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ކ.މާފުށި ފެރީ ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމްހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްތައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަތައް ތ.ވިލުފުށި އަދި ކ.މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.