English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ދަރްމެންދްރާ އޭނަގެ ދިރިއުޅުމާ ބެހޭ ގޮތުން ދުވަހަކުވެސް ފޮތެއް ލިޔެ، ފިލްމެއް ނުއުއްފަދާނެކަމަށް ބުނެފިއެވެ. 80 އަހަރުގެ ދަރްމެންދްރާ ބުނެފައިވަނީ އޭނާގެ ހަޔާތުގެ ވާހަކަތަކަކީ ވިޔަފާރީގެ ގޮތުގައި މީހުންނަށް ވިއްކާނެ އެއްޗެއް ނޫންކަމަށާއި އޭނާގެ ހަޔާތުގެ މުހިއްމު ވާހަކަތައް އޭނާ ކިޔައިދޭނެކަމުގައެވެ. ބޮލީވުޑްގައި 60 އަހަރު ވަންދެން މެދު ކެޑުމެށްނެތި މަސައްކަތްކުރަމުންދާ ދަރްމެންދްރާގެ ހަޔާތުގެ ވާހަކަ ލިޔުމަށް އެތައް ފަރާތްތަކަކުން ހުށަހަޅަފައިވާ އިރު އެ ހުރިހާ ފަރާތްތަކަށްވެސް އޭނާ ދީފައިވާ ޖަވަބަކީ، އޭނާގެ ހަޔާތުގެ ވާހަކަ އަކީ ފޮތެއްގައި ލިޔެ ނެރުމަށް އެކަށީގެންވާ ވާހަކަ ތަކެއް ނޫން ކަމުގައެވެ. ޝޯލޭ އާއި ޗުޕްކެ ޗުޕްކޭ ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ދަރްމެންދްރާ ވަނީ އޭނާގެ އަނބިމީހާ “ބޮލީވުޑްގެ ޑްރީމް ގާރލް” ހެމާ މާލިނީ އާއި އެކުވެސް ފިލްމީ ގިނަ މަސައްކަތެއްކޮށްފައެވެ. މި ގޮތުން މި ދެތަރިން ކުޅެފައިވާ ޑްރީމް ގާރލް އާއި ސީތާ އޯރް ގީތާ އަކީ އަދިވެސް ބެލުންތެރިގެ މެދުގައި މަގުބޫލު ފިލްމުތަކެވެ. މިހާރުވެސް ފލްމީ ދާއިރާގެ ގިނަ މަސައްކަތެއް ކުރަމުންދާ ދަރްމެންދްރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާ މިހާރު ކުޅެމުންދާ ފުރަތަމަ އިންޓަނޭޝަނަލް ފިލްމު ޑްރީމް ކެޗާ އިންނެވެ. ދަރްމެންދްރާ އޭނާގެ ހަޔާތުގެ ވާހަކަ ލިޔަން ބޭނުންނުވާއިރު މިހާރުވެސް ބޮލީވުޑްގައި ހަރަކާތްތެރިވާ ގިނަ ތަރިންގެ ހަޔާތުގެ މައްޗަށް ފިލްމު އަންނަނީ އުފައްދަމުންނެވެ. މި ގޮތުން މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުންދަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސްކްރީންގައި އަޅުވާނެ ދުވަހަކަށެވެ.