ރަސްފަންނު ސަރަޙައްދު ވަގުތީގޮތުން މަރާމާތުކުރުން ނިންމުމަށްފަހު އާންމުންނަށް ހުޅުވާލައިފިއެވެ.
މި ތަން އާންމުންނަށް ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށާއި، ދާއިމީ ބަދަލުތައް ގެނައުމުގެ މަސައްކަތް ރޯދައަށްފަހު ފެށިގެންދާނެކަމަށެވެ.
ސަރުކާރުން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ބައްލަވާ ލައްވަވާފައެވެ. އަދި މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ކޮއްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މަޢުލޫމާތު ވެސް ރައީސް ވަނީ ހޯއްދަވާފައެވެ.
އަދި މިއަދުން ފެށިގެން ވަގުތީގޮތުން ރަސްފަންނު ޢާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައެވެ. މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައެވެ.
ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ. އެ ގޮތުން މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ޤާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.