English Edition
Dhivehi Edition

ގއ. ވިލިނގިއްޔަކީ މަސްވެރިކަމަށް ނަން މަޝްހޫރު ރަށެކެވެ. މަސްވެރިކަމުގެ ނަފާއިން ދިރިއުޅުން އާރާސްތުކުރަމުންދާ ބައެއް ދިރިއުޅޭ މިރަށަކީ ޒަމާނީ ތަރައްގީއަށް މިސްރާބުޖަހައިފައިވާ، ހިތްހެޔޮ ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ވިލިނގިއްޔަކީ 3 ވަނަ ޖީލުގެ މަސްދޯނި ފަހަރަށް އިންގިލާބެއް ގެނެސް، އެކަމަޑޭޝަން ހިމެނޭގޮތަށް ދިވެހިރާއްޖެއަށް މަސްދޯނިފަހަރު ތައާރަފް ކުރި ރަށްވެސްމެއެވެ. އެހެންކަމުން ވިލިނގިލީ ބަނދަރަކީ މިރަށުގެ ރައްޔިތުންގެ އުއްމީދާ ގުޅިލާމެހިފައިވާ ތަނެކެވެ.

ވިލިނގިލި ބަނދަރަކީ ވިލިނގިލީގެ މަސްވެރިކަމަށް ބޭނުންކުރާ 100 ފޫޓަށް ވުރެ ދިގު 12 ދޯނީގެ އިތުރުން މަސްވެރި މޫސުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ އުޅަނދުފަހަރު އެންމެ ގިނައިން ބޭނުން ކުރަމުންދާ ބަނދަރުކަން ފާހަގަކޮށްލަންޖެހެއެވެ. ވިލިނގިލި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފަށާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ރަށުގެ ފަޅުން 7985 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބްރޭކް ވޯޓަރ ގާއިމްކޮށްފައިވެއެވެ. އެމްޓީސީސީން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން އެއްގަމު ތޮށިން ބޭރުތޮށްޓަށް ދެވޭގޮތަށް 30 މީޓަރުގެ ބްރިޖެއް ގާއިމް ކޮށްފައިވެއެވެ. ވިލިނގިލި ބަނދަރުގެ މަޝްރޫއަކީ ބަނދަރު ފުޅާކޮށް، ބޭރު ތޮށި ލުމާއި ބަނދަރު އެއްކޮށް ފުންކުރުމާއި އެއްގަމު ތޮށި ސީދާކޮށް ރިވެޓްމެންޓް ޖެހުމާއި ބަނދަރު އެއްގަމު ތޮއްޓާއި ބޭރު ތޮށީގެ ލައިޓް ޖެހުމާއި ބޭރު ތޮށި ކައިރީގައި ކުދި އުޅަނދު ފަހަރު އެޅޭގޮތަށް ޕުލެޓް ފޯމެއް ހެދުމާއި އަދި ބަނދަރު ޓީ-ކާރގޯ ޖެޓީއެއްގޮތުގައި މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރާއި ދޯނި ފަހަރު ފަސޭހަކަމާއެކު ކައިރި ކުރެވޭނެގޮތަށް، ޕްލޭން ކުރެވި މަސައްކަތްތައް ފޭސްތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ ގޮތަށް ރޭވިފައިވާ މަޝްރޫއެއް ކަން ފާހަގަކޮށްލެވެއެވެ.
2022 ވަނަ އަހަރު ގއ ވިލިނގިއްޔަށް 37 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫއުގެ 3 ވަނަ ފޭސް އެއް ވެސް ވަނީ އެކުލަވާލާފައެވެ.

އެހެން ނަމަވެސް މިދެންނެވި މަޝްރޫޢު ހިނގަމުންދަނީ ރައްޔިތުން އެދޭ ގޮތާއި ދިމާ އިދިކޮޅަށްކަމަށް މަސްވެރިން ބުނަމުން ދެއެވެ. މިކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މި މަޝްރޫޢާއި ގުޅުވައިގެން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަށްޓަކައި ބަހުސްކުރުމަށް 09 ނޮވެމްބަރު 2021 ވީ އަންގާރަ ދުވަހު ބޭއްވި މިދައުރުގެ ސަތިރީސް ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ހުސައިން ވިދާޅުވީ، ވިލިނގިލި ބަނދަރު ކޮންނަތާ އެތައް ދުވަހެއްވީއިރުވެސް އަދިވެސް ބަނދަރު ނިމޭނެ ދުވަހެއް ލަފާނުކުރެވޭ ކަމަށާއި ބަނދަރު ނިމޭ ތަނެއްވެސް ނުފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ފަކީރާ ހިފައިގެން ނުކުމެ އަމިއްލައަށް ކޮނުނަސް މިއަށްވުރެ މާރަނގަޅު ކަމަށެވެ.
ވިލިނގިލީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 50 އިންސައްތަ މީހުން މަސްވެރިކަމަށް ބަރޯސާވާއިރު މި ބަނދަރުގެ ސަބަބުން މަސްވެރިންނަށްވެސް ނުހަނު ގިނަ އުދަގޫތަކާ ގޮށްޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ވިލިނގިލީ ކައުންސިލަރުން ރަށުގެ މަސްވެރިންގެ ހާލު ބެލުމަށް ކުރި ޒިޔާރަތުގައި ވެސް ވަނީ ޝަކުވާ ބޮޑު މިމައްސަލައަށް ޙައްލެއް ހޯދުމަށް މަސްވެރިންނާއެކު މަޝްވަރާ ކޮށްފައެވެ.
ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ، ވިލިނގިލި ބަނދަރު މަރާމާތުކުރުމުގެ ފޭސް 2ގެ މަސައްކަތުގެ ތެރޭގައި ހިމަނާލަން ބޭނުންވާ ކަންތައްތައް ކައުންސިލުން މިހާރުވާނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ޙިއްސާ ކުރައްވާފައި ކަމަށެވެ. ކައުންސިލުން އެދުނު ކަންތައްތަކުގެ ތެރޭގައި:
1. ބަނދަރަށް ވަންނަ ނެރުގެ ފިޔަކަށި އެއްވަރުކޮށް، ނެރެވެން އޮތް އެންމެ ބޭރަކަށް ނެރެ ، ނެރުބައްތި ހަރުކުރުން
2 އެލް ބްލޮކް ބޭނުންކޮށްގެން ރަށުގެ ދެކުނު ހުޅަނގު ފަރާތު ބޭރުގެ އެތެރެތޮށި ހެދުމާއި، ނަގާލެވޭ ހިލަ ބޭރު ތޮށި އުސްކުރުމަށް ބޭނުންކުރުން
3 ޓީ ޖެޓީ ސަރަހައްދު 30 ފޫޓަށް ހުޅަނގަށް ބޮޑުކުރުން
4 އުތުރު ފަރާތުގެ އެއްގަމުގައި ލެވިފައިވާ ރިވެޓްމެންޓް އެފަރާތުގެ ބޭރުތޮށްޓަށް ލައި ‘މެރިންކޮށި’ މަގާ ހަމަޔަށް ނެރުން އަދި
5 އުތުރުފަރާތުގެ ރަތްވިލާ މަގާ ހަމަޔަށް ގެންދާ ސަރަހައްދުގެ ކޮޅަށް ރޭމްޕް ބަދަލުކުރުން ހިމެނެއެވެ.
ވިލިނގިލި ކައުންސިލުން ގަބޫލުކުރާ ގޮތުގައި މި ދެންނެވި ކަންތައްތައް ހިމެނޭގޮތަށް ބަނދަރު ތަރައްގީ ކޮށްފިކަމަށްވާނަމަ ކުރިއަށް އޮތް 50 އަހަރު ވެސް މި ބަނދަރަށް އިތުރު ހޭދައެއް ކުރާކަށް ނުޖެހޭނެއެވެ.
ވިލިނގިއްޔަކީ މަސްވެރިކަމަށް ލޯބިކުރާ ގިނަ ބަޔަކު ދިރި އުޅޭ ،އަދިވަކިން ޚާއްސަކޮށް ޅަފުރައިގެ ޒުވާން ޖީލުގެ އައު މަސްވެރިންތަކެއް އުފެދި ޒަމާނީ މަސްވެރިކަމުން ނަފާ ހޯދަން އަތުކުރި އޮޅާލައިގެންތިބި ބަޔަކު ދިރިއުޅޭ ރަށެކެވެ. މިހުރިހާ އެންމެންގެ ހިތާއި ގުޅިފައިވާ ބަނދަރު، އެ ރައްޔިތުން އެދޭފަދަ ފުރިހަމަ ކަމަކާއެކު ނިމިގެން ދިއުމަކީ މިއަދު އެމީހުންގެ އެންމެ ބޮޑު އުއްމީދެވެ.
{ފޮމަންނޫ ހުޓަވަރުން މަހަ އޮތެކޮނޑާ އަދެ ރީތި ވިލިނގިއްލާ އަރަންނޫ އެމެ އަރަންނޫ އެމެ ހުރެންދެން މިއޮތެ ދެރެގައްލާ.}