ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކ. ގާފަރުގައި ރޭ ބޭއްވެވިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަމަށާއި މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ.
މި ގޮތުން، ކ. ގާފަރުގެ އިތުރުން، ރ. މަޑުއްވަރި އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށާއި، ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިތުރު 12 އަތޮޅެއްގައި ޖުމުލަ 18 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަލަށް މި ހުޅުވުނު އައިސްޕްލާންޓް ތަކާއެކު، އަދި އިތުރަށް ޤާއިމުކުރެވޭ އައިސް ޕްލާންޓްތައް ނިމުމުން ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި، އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ޤާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރުވެގެންދާނެކަމަށް ރައިސް ވިދާޅުވިއެވެ.
ފެލިވަރުގައި 100 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތްކުރިއަށް ދާއިރު މީގެ ކުރިން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އޭގެ ތެރެއިން 50 ޓަނުގެ އައިސް ޕްލާންޓް މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވިގެންދާނެކަމަށެވެ.
މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ފެލިވަރާއި ކޫއްޑޫގައި ކުރިއަށް ގެންދާ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައޫދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކް އިންނެވެ. މި މަަޝްރޫއުގެ އަގަކީ 17.5 މިލިއަން ޑޮލަރެވެ.