މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުޞޫލަށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައެވެ. އަދި އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުންކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށް ރައީސް ވިދާޅުވިއެވެ،
މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ޚަލާސް ކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުންކަމުގައެވެ.
މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވަނީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމުގައި ހާމަކުރައްވާފައެވެ.