English Edition
Dhivehi Edition
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދެއްކެވުން ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމަށެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިޞޯދުގެ ލޭނާރަކީ މަސްވެރިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ބިނާކުރުން ކަމަށެވެ.

މަހުގެ ސިނާޢަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯ މަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައި، އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި، މިކަމަށްޓަކައި ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފެށިފަހުން މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ކަމުގައި ވިޔަސް ހަޤީޤަތަކީ ދިވެހިންގެ ޙަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަކަމަށެވެ.