English Edition
Dhivehi Edition
ކ.ގާފަރުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ހުޅުއްވައި ދެއްވުން ފޮޓޯ: ރައީސް އޮފީސް

ކ،ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވަނީ ގާފަރަށް ވަޑައިގަންނަވާފައެވެ،

ގާފަރުގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓަކީ މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ. އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓްގެ ކެޕޭސިޓީއަކީ 50 ޓަނުގެ ސްޓޯރޭޖެކެވެ.

އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތްވެސް އިފްތިތާހުކޮށްދެއްވާފައެވެ، މީގެ އިތުރުން ރައީސް ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށްވެސް ޒިޔާރަތްކުރައްވާފައެވެ.