މާލެއިން ފުރައިގެން އއ.އަތޮޅަށް ދަތުރުކުރި “އުންމީދު” ދޯނި އަޑިއަށް ދިޔުމުގެ ސަބަބުން ގެއްލިގެން ހޯދަމުންދިޔަ މީހުން ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެމީހުން ހޯދަމުންދަނިކޮށް ފެނިފައިވަނީ ފުލުހުންގެ ލޯންޗަކަށް ކަމަށެވެ. އެ މީހުން ފެނިފައިވަނީ ރަންނާޅި ރިސޯޓާ ދިމާއިން ބޭރުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެ ތިންމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު ގާތްގަނޑަކަށް 05:30 އެހައިކަމްހާއިރު އެވެ. އޭރު ދޯނިއޮތް ކަމަށްވަނީ މާލެ އަތޮޅު ބޮލިފުށި ހުޅަނގުން ހަތް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ދޯނިއޮތް ކަމަށް މައުލޫމާތު ލިބުނު ސަރަހައްދު ބެލިއިރު އެ ސަރަހައްދުން ދޯންޏާއި މީހުން ނުފެނުމުން ކޯސްޓްގާޑުގެ ޑައިވިންގ ޓީމަކާއެކު ދޯންޏާއި މީހުން ހޯދުމަށް އެމްއެންޑީއެފުން މަސައްކަތް ކުރިއެވެ. އޭގެ އިތުރަށް އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރާއި އެސަރަހައްދުން ދަތުރުކުރި ސީޕްލޭން ތަކުގެ އެހީތެރިކަން ހޯދައިގެން ދޯންޏާއި މީހުން ހޯދުމަށް އެމްއެންޑީއެފްއިން މަސައްކަތް ކުރިއެވެ. އެންމެފަހުން މީހުން ފެނިފައިވަނީ ފުލުހުންގެ ލޯންޗަކަށެވެ