English Edition
Dhivehi Edition

“ގދ. އެޓޯލް ކައުންސިލް ފޭސް ވޮލީބޯލް ޓޯނަމެންޓް” ޑިސެންބަރު 30 ގައި ފެށުމަށް ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“ގދ. އެޓޯލް ކައުންސިލް ފޭސް ވޮލީބޯލް ޓޯނަމެންޓް” ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތް މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު މިމަހުގެ 08 ވަނަ ދުވަހުގެ ކުރިން ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމަންޓް (ފޭސް) އިން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން 20 ޑިސެންބަރުގައި ޓީމް ލިސްޓް ހުށަހަޅަން ޖެހޭކަމަށް ވެސް ފޭސް އިން ބުނެއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް އިންތިޒާމްކުރާ ފޭސް ޖަމިއްޔާއިން ބުނީ މުބާރާތް މިފަހަރު ގދ. ފިޔޯރީގައި ބޭއްވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. ފޭސް ޖަމިއްޔާއިން މި މުބާރާތް ކުރިއަށް ގެންދާނީ ފިޔޯރީ ކައުންސިލާއި، ފިޔޯރީ ކޮމިޔުނިޓީ ސެންޓަރާއި ގުޅިގެންނެވެ.

މި މުބާރާތަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ގދ. އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން، ދެ ޑިވިޝަން އަށް ކުޅޭއިރު، ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ވެސް ހޮވިގެން ދާނެއެވެ. މުބާރާތް އިންތިޒާމްކުރާ ފޭސް ޖަމިއްޔާއިން ޓީމްތަކުގެ އޮފިޝަލުންގެ ޖާޒީ ހިލޭ ފޯރުކޮށްދޭނެއެވެ.