‘ވޯރލްޑް ކަލިނަރީ އެވޯރޑްސް’ގެ ‘އިންޑިއަން އޯޝަން’ ކެޓެގަރީގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޝަނަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ހޮވިއްޖެއެވެ.
އެފްއެޗްޓީއެސްގެ އިތުރުން މި އެވޯޑަށް ނޮމިނޭޓްވެފައި ވަނީ ސީޝެލްސް އާއި މޮރިޝަސް އިން މިދާއިރާއަށް މީހުން ތަމްރީންކުރާ ދެ އިންސްޓިޓިއުޝަނެކެވެ. މީގެ ތެރޭގައި ހިމެނޭ މޮރިޝަސްގެ އޮލިވަރ ކަލިނަރީ ސްކޫލަކީ 2020 ވަނަ އަހަރު މި އެވޯޑު ކާމިޔާބުކުރި އިންސްޓިޓިއުޝަނެވެ.
މި އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތައް މިއަހަރުގެ މެއި މަހު އިއުލާނުކޮށްފައި ވާއިރު، މި އެވޯރޑަށް ހުށަހެޅުނު ފަރާތްތަކަށް ވޯޓު ދިނުން ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 17 އާއި ހަމައަށެވެ. ވޯރލްޑް ކަލިނަރީ އެވޯރޑްސްގެ ވެބްސައިޓްގައި އެފްއެޗްޓީއެސްއަށް މި އެވޯޑު ލިބުނުކަން އިއުލާނުކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރ 30 ވަނަ ދުވަހުއެވެ.
މި އެވޯޑަށް އިންސްޓިޓިއުޝަންތައް ނޮމިނޭޓު ކުރުމުގައި ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރާ މަސައްކަތާއި، އެދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ އިތުރުން، ކެއްކުމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމާއި، ދުނިޔޭގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ބޭއްވޭ ތަފާތު ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ މިންވަރު ވަޒަން ކޮށްފައިވެއެވެ.
1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯރލްޑް ޓްރެވަލް އެވޯރޑްސް ސިލްސިލާގެ ބައެއް ކަމުގައިވާ ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. ވޯރލްޑް ކަލިނަރީ އެވޯރޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯރޑެކެވެ. މިއެވޯރޑްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެކިއެކި ޤައުމުތަކާއި ސަރަޙައްދުތަކުން ހޮވާލެވޭ “ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް”، “ބެސްޓް ކަލިނަރީ ފެސްޓިވަލް” އަދި “ބެސްޓް ފައިން ޑައިނިންގ ހޮޓެލް ރެސްޓޯރަންޓް” ހިމެނެއެވެ.