English Edition
Dhivehi Edition

މިއަހަރުގެ ސެޕްޓެންބަރު މަހު ގްރީން ފަންޑުން 63 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ގދ. ތިނަދޫއަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރައްވާފައިވާ ގްރީން ފަންޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެންބަރު މަހު އެފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ގދ. ތިނަދޫ ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަށެވެ. މި މަޝްރޫއަށް 12.8 މިލިއަން ވަނީ ހަރަދުކޮށްފައެވެ.

ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ސެޕްޓެންބަރު މަހު 40 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ހަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ސެޕްޓެންބަރު މަހު ހަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އޯގަސްޓު މަހު ގްރީން ފަންޑުން ކުރި ހަރަދާ އަޅާ ބަލާއިރު، 91 އިންސައްތަ އިތުރު އަދަދެކެވެ. އޯގަސްޓު މަހު ގްރީން ފަންޑުން ވަނީ 32.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ގްރީން ފަންޑުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދަދަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިފައެވެ. އެގޮތުން އޯގަސްޓު މަހު ގްރީން ފަންޑުން ހަރަދުކޮށްފައި ވަނީ 25 މަޝްރޫއަކަށެވެ. ސެޕްޓެންބަރު މަހު މިއަދަދު ވަނީ 40 އަށް އަރާފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ސެޕްޓެންބަރު މަހު ގްރީން ފަންޑަށް 72.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ޖުލައި މަހު ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 27.3 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އދ. އަތޮޅުންނެވެ. އެއީ 7.6 މިލިއަން ރުފިޔާއެވެ. ސެޕްޓެންބަރު މަސް ނިމުނު އިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 795 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިން ވެސް ދައްކަންޖެހެއެވެ.