ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހޭނައްތައިގެން ދޭންޖެހޭ ފަރުވާ ނުދެވި ދުވަސްތަކެއް ވުމަށްފަހު އަނެއްކާވެސް އެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ ހޮސްޕިޓަލްގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ، ސާލިމް އަލީ ވިދާޅުވީ އެ ހޮސްޕިޓަލްގައި ހޭނައްތައިގެން ދޭންޖެހޭ ފަރުވާ ނުދެވި ގިނަ ދުވަސްތަކެއް ވެފައި ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރު ޗުއްޓީގައި ހުރުމާއި ގުޅިގެން އެކަމަށް ހާއްސަ ވަގުތީ ޑޮކްޓަރެއް ނުލިބިގެން ކަމަށެވެ.
އެހެންނަމަވެސް ވަގުތީގޮތުން މެދުކެނޑިފައި އޮތް ހޭނައްތައިގެން ދޭންޖެހޭ ފަރުވާގެ ހިދުމަތްތައް މިއަދުގެ ވަގުތެއްގައި އަލުން ފަށާފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ބައެއް ސާޖަރީތަކާއި އޮޕަރޭޝަންތައް ވެސް ވަނީ މެދުކަނޑާލާފައެވެ.
މިކަމުގެ ސަބަބުން ރައްޔިތުން ކުރަމުންއައި ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހޮސްޕިޓަލުން އެ ހިދުމަތް ދޭން ފަށާފައިވާކަން އިއުލާންކޮށްފައި މިވަނީ އެ ހޮސްޕިޓަލުން ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް.އެޗް އާއި އެކު ކުރެވުނު މަސައްކަތުން އައި.ޖީ.އެމް.އެޗް ގެ ހޭނައްތާ ޑޮކްޓަރެއްގެ އެހީތެރިކަމާއި އެކުގައެވެ.
ސާލިމް ވިދާޅުވީ މިވަގުތު ޗުއްޓީގައި ހުންނެވި ހޭނައްތާ ޑޮކްޓަރުވެސް ޗުއްޓީ ނިމުމަށްފަހު ޑިއުޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭ.އޯ ނިއުސް އަށް މައުލޫމާތު ލިބޭ ގޮތުގައި އޭނާ ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެހިދުމަތް ފެށުމަށްޓަކައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަގުތީ ޑޮކްޓަރެއް ގެނައި ނަމަވެސް އެ ޑޮކްޓަރުވެސް ވަނީ މިމަހުގެ ކުރީ ކޮޅު އަނބުރާ ގޮސްފައެވެ. އެއާއެކު އެހިދުމަތް ވަނީ މެދުކެނޑިފައެވެ.
ގދ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައިވެސް މި ހިދުމަތް މެދުކެނޑިފައި އޮންނަތާ މިހާރު އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންކަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މި ހިދުމަތް ފެށުމުން ހުވަދު އަތޮޅުގައި ހޭނައްތައިގެން ދޭންޖެހޭ ފަރުވާތައް ދޭން އަލުން ފެށިގެން ދާނެއެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ފާހަގަކުރެވެނީ ކަށީގެ ހާއްސަ އޮޕަރޭޝަންތަކަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައެވެ. ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ކުރާ ކަށީގެ ގިނަ އޮޕަރޭޝަންތަކުގައި ވެސް އެ ހޮސްޕިޓަލްގެ ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. އާޒިމް އަބްދުއްޝަކޫރު ބައިވެރިވެވަޑައިގަންނަވައެވެ.