English Edition
Dhivehi Edition

ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ކުރިއަށް އޮތުމުން އެކޮމިޓީން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޖީޒާ ޙަސަން ވިދާޅުވިއެވެ.

އެ ހަރަކާތްތަކާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޖީޒާ ވިދާޅުވީ، ނޮވެމްބަރ 19 އިން ފެށިގެން 21 އާއި ހަމައަށް ހާއްސަ ޕްރޮގްރާމްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މި ތިން ދުވަހުވެސް ހިންގާ ހަރަކާތްތައް އެ ދެދުވަސް އެއްކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރި ޒިޔާރަތުގައި، އެކޮމެޓީގެ މެންބަރުން ވަނީ ތިނަދޫ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާއެކު ދޮޅުގަޑިއެއް ހާއިރުގެ ވަގުތުކޮޅެއް ހޭދަކޮށް އެކުދިންނަށް ހުރި ދަތިކަންތައް ފާހަގަކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހު 19 ވަނަ ދުވަހެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 25 ވަނަ ދުވަހެވެ.