English Edition
Dhivehi Edition
އައްޑޫލިންކް ރޯޑު؛ ފޮޓޯ ޙަސަން ނަޖުމީ

ލިޔުއްވީ: ޕޮލިސް ސާރޖަންޓް ޖާވިދު އިސްމާޢީލް/

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އެއްގަމު އުޅަނދު ދުއްވާއިރު މޮބައިލް ފޯނު ނުވަތަ މުއާސަލާތީ ވަސީލަތެއް ބޭނުންކުރުން މަނާކަމެއްގެ ގޮތުގައި އޮތް ނަމަވެސް އެއްގަމު އުޅަނދުފަހަރު ދުއްވާއިރު މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޮބައިލް ފޯނު ބޭނުންކުރާތަން ދަނީ ފެންނަމުންނެވެ.

އެއްގަމު ދަތުރުފަތުރުކުރާ އުޅަނދު ދުއްވަން އިންނަމީހާ މޮބައިލް ފޯނު ބޭނުންކުރުމާއި މުވާޞަލާތީ ވަޞީލަތްތައް ބޭނުންކުރުން މަނާކޮށްފައިވަނީ އެކަމުގެ ސަބަބުން ދުއްވާ މީހާ އަށާއި އެހެން މީހުންނާއި ތަކެއްޗަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ވަކިން ޚާއްޞަގޮތެއްގައި ދުއްވާ މީހާގެ ނަފްސަށާއި ވެހިކަލަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައެވެ. ސަބަބަކީ އުޅަނދެއް ދުއްވާފައި ދާއިރު، މޮބައިލް ފޯނު، ނޫންނަމަ މުވާޞަލާތީ އެހެން ވަޞީލަތެއް ބޭނުންކުރާނަމަ އެމީހަކަށް ދުއްވާ ދުއްވުމަށް ދޭންވާ ސަމާލުކަން ނުދެވި ފޯނުން ދެކެވޭ ވާހަކައަށް ނުވަތަ ފެންނަ މަންޒަރަށް ސަމާލުކަން ދޭންޖެހުމުން ހީނުކުރާފަދަ ބޮޑެތި ނުރައްކަލާއި ކުރިމަތިވެ އިންސާނީ އަދި މާއްދީ ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުޞަތު ބޮޑުވާތީއެވެ. މިފަދަ ހާދިޘާތައް މީގެކުރިންވެސް ހިނގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކަންމިހެން އޮތްނަމަވެސް ހިތާމައަކީ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދު ދުއްވަމުންވެސް މޮބައިލް ފޯނު ނުވަތަ މުވާޞަލާތީ ވަޞީލަތްތައް ބޭނުންކުރާ ތަން ފެންނަމުން ދިޔުމެވެ. އެކަމުގެ ނުރައްކާތެރިކަން އެނގިތިބެ ނުވަތަ ކަމެއް ނުވާނެކަމަށް ބަލައި ފޯނު ބޭނުން ކުރެވެމުންދާތަން ފެންނަމުން ދިއުމެވެ. މޮބައިލް ފޯނު ނުވަތަ މުއާސަލާތީ ވަސީލަތްތައް ބޭނުންކުރަމުން އެއްގަމު އުޅަނދު ދުއްވުމަކީ ކުރިން ފާހަގަކުރި ފަދައިން ދުއްވާ މީހާއަށާއި އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި މަނާ ކުރެވިފައިވާކަކަމެއް ކަމަށް ދެކި، ޢާއްމު ރައްޔިތުން މިކަމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، މިފަދަ ކަންކަމުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ހެދުމަކީ މުހިންމުކަމެކެވެ. އަދި ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް މިކަން ހަދައިފިނަމަ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމުގެ އިތުރުން މުޖުތަމަޢަށް ވަރަށް ބޮޑު ޚިދުމަތެއް ކޮށްދެވިގެން ދާނެއެވެ.

އެއްގަމު އުޅަނދު ދުއްވާއިރު މަގުމައްޗަށްދޭންވާ ސަމާލުކަން ނުދެވި އުޅަނދު ދުއްވުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް މަދުން ނަމަވެސް ހިނގައެވެ. ތިމާގެ ފަރުވާކުޑަކަމުގެ ސަބަބުން، ނުވަތަ ބެލުން ކުޑަވުމުގެ ސަބަބުން، ކުށެއްނެތް އެތައް ބަޔަކަށް އަނިޔާލިބި ބައެއްގެ މުދަލަށް ގެއްލުން ލިބުމަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. އެހެންކަމުން، މާލޭގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ މަގުމަތި ބޭނުންކުރާ ކޮންމެ މީހެއްގެ ޒިންމާއަކަށް ހަދަން ޖެހެއެވެ. މަގުމައްޗަށް ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑަށް އިތުރުކޮށް، ނުރައްކާތެރި ޙާދިސާތައް ހިނގުމުގެ ފުރުޞަތު ކުޑަކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކެން ޖެހެއެވެ.