English Edition
Dhivehi Edition

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގދ ނަޑެއްލާގައި މަސްރޭހެއް ބާއްވައިފިއެވެ.

ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މިހަރަކާތުގައި ޖުމްލަ 11 ޓީމަކުން 66 ބައިވެރިޔަކު ބައިވެރިވެފައިވެއެވެ. ދެޖިންސުގެ ބައިވެރިވުމާއެކު ބޭއްވުނު މަސްރޭސް ބޭއްވިފައިވަނީ އިއްޔެ ހަވީރު 4:00 އިންފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.

ފައިސާގެ އިނާމް ހުށަހެޅިފައިވާ މި މަސްރޭހުގެ އެއްވަނަ ޓީމު ކަމުގައިވާ “އަލިމަސް” އަށް 3000 ރުފިޔާ ދެވަނަ އަށް ގޮސްފައިވާ “ގަލާޑާ” އަށް 2000 ރުފިޔާ އަދި ތިންވަނަ އަށް ގޮސްފައިވާ “ހޭލަމޭލަ” އަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. މިއިނާމުތައް ބައިވެރިންނާއި ހަވާލުކޮށްދެއްވީ ގދ. ނަޑެއްލާ ކައުނސިލްގެ ރައީސް މުހައްމަދު އަންޝާއު އަދި ނާއިބްރައީސް ފައިސަލް ނަޖީބް އަދި ކައުންސިލް މެންބަރު މުހައްމަދު އަފްޒަލް އެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ނަޑެއްލާގައި ގިނަ ހަރަކާތްތަކެއް ގެންގޮސްފައިވާއިރު މި މަހުގެ ތިންވަނަ ދުވަހު ވަނީ އެރަށުން ހޮވާލެވުނެ ދެޓީމެއްގެ ދެމެދުގައި ފުޓްސަލް މެޗެއް ވެސް ކުޅެފައިވެއެވެ.