English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށް ބެލެހެއްޓުމަށް ހޯނޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ހޯނޑެއްދޫ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ އަދި އިގްތިސާދީގޮތުން ބޭނުންހިފޭ މުހިންމު ތަނެއްގެ ގޮތުގައި، ނޭޗަރ ޕާކެއް ތަރައްގީކުރުމަށް ހޯނޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވަނީ 26 އޮކްޓޯބަރު 2021 ގައެވެ.

ތިން އަހަރުގެ މުއްދަތަކަށް ހިންގޭ މިމަޝްރޫއު ނިމޭއިރު 3،889،570.00 ދިވެހި ރުފިޔާ ހަރަދުވާއިރު، މިމަޝްރޫއަކީ ހުވަދޫ އެއިޑް އިން ހެޔޮ އެދޭ ފަރާތްތަކުގެ ފައިސާގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށްވާތީ، ހޯނޑެއްދޫ ކައުންސިލުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ މަޝްރޫއުއެކެވެ.

މިއީ ކުޅިތަކާއި ގޮނޑުދޮށާއި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކޮށް، އާއިލާތަކަށް ހިތްހަމަޖައްސާލަން ދެވޭ ހިތްފަސޭހަ މައިދާންތަކަކަށް ބަދަލުކުރުމަށް ހޯނޑެއްދޫ ކައުންސިލުން ވެފައިވާ ވައުދާއި އެއްގޮތަށް ކައުންސިލާއި ހުވަދޫ އެއިޑްއާއި ގުޅިގެން ހިންގޭ މަޝްރޫއެއް ކަމަށް ހުވަދޫ އެއިޑުން މައުލޫމާތުދެއެވެ.

މިމަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިއުވިންގ ޕްލެޓްފޯމް، ކައުންސިލް އިން ފާސްކޮށްފައިވާ ކުރެހުމައި އެއްގޮތަށް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލުމާއި 03 ކެނޯ އަދި 03 ޕެޑަލް ބޯޓް ބާއްވައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރުން ހިމެނެއެވެ.

އަދި ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން 02 ތަމްރީނު ޕްރޮގްރާމް، ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމު ފަރުދުންނަށް އަމާޒުކޮށް ހިންގުމާއި އެސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވާ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރުން ވެސް ހިމެނެއެވެ. މިގޮތުން ކުޅީގައި ހެދޭ އެކި ވައްތަރުގެ ގަސް ހިމެނޭހެން 2،000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަން ޖެހޭ ސަރަހައްދުތަކުގެ ޗަކަ ނެގުމަކީ މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކެވެ.

ހަމައެހެންމެ ކުޅިތަކުގެ މުހިންމުކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ކުޅި ހިމާޔަތްކޮށް ބެލެހެއްޓުން ރަށުގެ ތަރައްގީ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހަދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދިނުން މިމަޝްރޫއުގައި ހިމެނެއެވެ.

މިފަހުމުނާމާގެ ދަށުން ހޯނޑެއްދޫ ނޭޗަރ ޕާކް ޕްލޭންގައިވާ ގޮތަށް އެތަން ތަރައްގީކުރުމަށް 03 އަހަރާއި އެކު އިތުރު 05 އަހަރު ވަންދެން އެތަން ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.

ހޯނޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ޕްލޭނާއި އެއްގޮތަށް އެތަން ހިންގުމަށް 07 މެންބަރުންގެ މައްޗަށް އެކުލެވޭ “ހޯނޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ކޮމިޓީ” އެކުލަވާލައި، އެކޮމިޓީގެ ލަފަޔާއި އިރުޝާދުގެ ދަށުން ނޭޗަރ ޕާކް ހިންގުމުގެ އެންމެހާ ކަންކަން ތަރުތީބުކޮށް ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.