English Edition
Dhivehi Edition

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގދ އަތޮޅުން އޯޝަން ޔޫސް ސާރވޭ ފެސިލިޓޭޓަރ ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނެރުނު އިއުލާނުގައި ވަނީ ކޮންޓްރެކްޓް އުސޫލުން 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ އަތޮޅަކުން 2 އޯޝަން ޔޫސް ސާރވޭ ފެސިލިޓޭޓަރުން ބޭނުންވާކަމަށެވެ. މި މަސައްކަތްކުރާ ދުވާލަކަށް 40 ޑޮލަރުގެ ނިސްބަތުން އުޖާރަ ދިނުމަށް ހަމަޖެހިފައިވާއިރު މަޤާމުގެ ޝަރުތުތަކާއި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިނިސްޓްރީގެ މީސްމީޑިއާއިން އަދި މި ލިންކުން (: https://www.nooraajje.org/ous-facilitator) ލިބެން ހުންނާނެކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި ނޫރާއްޖެ ސައިޓް މަނޭޖަރ ފާޠިމަތު ނިސްތަރަން ([email protected]) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ،

ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ [ނޫ ރާއްޖެ ޕްރޮގްރާމް] އަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައި 17 ޑިސެމްބަރު 2020 ގައެވެ،

2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ.