ދިވެހިރާއްޖެ އެކުލެވިގެންވަނީ ކުދިކުދި ރަށްތަކެއްގެ މައްޗަށެވެ. އެންމެ ބޮޑު ރަށްރަށްވެސް ހަތަރު މޭލަށްވުރެ ބޮޑެއް ނޫނެވެ. މީހުންއުޅޭ އާބާދުވެފައިވާ ރަށްރަށަށްވުރެ ގިނައީ ފަޅުރަށެވެ. ޤުދްރަތީ ގޮތުން ދިވެހިރާއްޖޭގެ ރަށްތައް ބެހިފައިވަނީ 13 އަތޮޅަށެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ ގޮތުން، ރާއްޖޭގެ ރަށްތައް މިހާރު ބަހާފައިވަނީ 20 އަތޮޅަށެވެ.
އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތް ތަކަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވެނީ މަސްވެރިކަމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ ލޭނާރު ކަމުގައި ދެކިގެން އާމްދަނީ ހޯދުމަށް ކުރާ އެންމެ ބުރަ އެއް މަސައްކަތެވެ. މަސައްކަތަކީ ބުރަ މަސައްކަތަކަށް ވިޔަސް މިކަމަކީ ނަފާ ބޮޑު މަސައްކަތެކެވެ. މި 20 އަތޮޅުގެ ތެރެއިން ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ޏ އަދި ސ އަތޮޅުގެ މީހުންނަކީ ރާއްޖޭގެ އެހެނިހެން ހިސާބުތަކުގެ މީހުންނަށްވުރެ ދިރިއުޅުމުގެ ވައްޓަފާޅި އަދި ދިރިއުޅުމަށްކުރާ މަސައްކަތްތައް އެއްގޮތްވީ ނަމަވެސް ތަފާތު ގޮތަކަށް އެ މަސައްކަތްތައް ކުރަމުން އަންނަ ބައެކެވެ.
ރާއްޖޭގެ ތާރީޚް ބުނާގޮތުން އެކި ޒަމާނުގައި އެކި ގޮތަށް ރާއްޖޭގައި މަސްވެރިކަން ކޮށްފައިވެއެވެ. ފަންރިޔަލާއި ފޮތިރިޔަލުގެ އޮޑިފަހަރުތަކުގައެވެ. އަށްޑިހައިގެ އަހަރުތަކުގައި ތާރަފްވި އިންޖީން ދޯނިފަހަރުތަކުގައެވެ. 21 ވަނަ ގަރުނަށް ރާއްޖެ މަރުޙަބާކީ މަސްވެރިކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކަކާ އެކުގައެވެ. 40 ފޫޓު 50 ފޫޓުގެ ދޯނިފަހަރުތައް އޭގެ ދެގުނައަށް ބޮޑުވެގެން ދިޔައެވެ. ބޭނުންކުރަމުންދިޔަ ވަސީލަތްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލު ކޮށްލިއެވެ. އެން ދަމަން ދިއްލި ހޮޅިބުރިތައް ޒަމާނީ ޔޫރޯ މާކަރީ އިން ކަނޑުގެ 60 މީޓަރު 80 މީޓަރުގެ އަޑިއަށް ދިއްލާ އެން ހިފުމަށް ފަސޭހަ ގޮތް ހޯދިއެވެ. ދޯނިފަހަރު ބޮޑުވީ ހަމަ އެކަނި އޭގެ ދިގު ނުވަތަ ފުޅާ މިނެއް ނޫނެވެ. މަސް ފިނިކުރާ ނިޒާމާއި ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނި ހޯދުމަށް ބާރޑް ފައިންޑަރު ހަރުކުރެވުނެވެ. ރަތްދަކާ އަވީގައި ދުރުމި ހިފައިގެން އުޅުނު ޒަމާން މާޒީވެއްޖެއެވެ.
ދޯނިފަހަރުތަކަށް މިފަދަ ބޮޑު ބަދަލުތަކެއް އައި އިރު މަސްވެރިކަން ކުރުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެންހިފުމުގެ މަސައްކަތަށް އައިސްފައިވާ ބަދަލެވެ. އަލިގަދަ ލައިޓް ބޭނުންކޮށްގެން ހިފާ އެމުގެ ބައެއް ބާވަތް އެންވަތުގައި ގެންގުޅެވެނީ އެންމެ ދުވަހެއްގެ މުއްދަތަކަށެވެ. އެހެންކަމުން މަސްވެރިން އަބަދުވެސް ގިނަ ދުވަހު ވަތުގައި ގެންގުޅެވޭނެ އެމުގެ ބާވަތެއް ހޯދުމަށް ބޭނުންވެއެވެ. ސަބަބަކީ ބޮޑެތި ދޯނިފަހަރުތަކަކީ އާންމުކޮށް އެއްހަފްތާ އަށް މަސްވެރިކަންކުރުމަށް ނުކުންނަ ބަޔަކަށްވެފައި ގިނަދުވަހު ގެންގުޅެވޭނެ އެމުގެ ބާވަތެއް ހުރެއްޖެނަމަ އެން ހޯދުމަށް އެ ކުރާ ދަތުރު ނުކޮށް ޚަރަދު ކުޑަކޮށް މަސްވެރިކަން ކުރެވޭނެތީއެވެ. މިގޮތަށް ދިގު މުއްދަތަކަށް ވަތުގައި ގެންގުޅެވޭނެ އެމުގެ ބާވަތްތަކަށް ބަލާއިރު “ބޯދި” “މިޔަރެން” ފާހަގަކޮށްލެވެއެވެ.
ކަންމިހެން ހުރުމާއެކު، އެން ހޯދުމަށް އަދި އެން ދެމުމަށް މިހާރު ރާއްޖޭގައި ޑައިވިން ކުރެއެވެ. މިކަމަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިން ތަޢާރަފްކުރި ކަމެކެވެ. ކޮންމެ ދޯންޏެއްގައި 8 ނުވަތަ 10 ޑައިވަރުން ހަރަކާތްތެރިވެއެވެ. މާ ފަސޭހަ ގޮތެއް ނޫންތޯއެވެ. 45 ވަރަކަށް މީޓަރު އަޑިއަށް ގޮސް އެންކޮޅު ދަލަށް އަރުވާލައިގެން މައްޗަށް އަރަނީއެވެ. ވިސްނައިލީމުހެއްޔެވެ. ޑައިވަރުން އަޑިއަށް ދަނީ މަރު ނުވަތަ ކާމިޔާބު ކަން އެނގިތިބެ މަސްވެރިކަމުން އެ ލިބޭ މަންފާ ހާސިލް ކުރުމުގެ ބޭނުމުގައެވެ. އެންކޮޅެއް ނުލިބިއްޖެ ނަމަ ދުވާލެއްގެ ޚަރަދަށް އާންމު ރޭޓުން ދޯންޏަކަށް 2 ވަރަކަށް ފީފާ ތެލުގެ ގެއްލުން ވާނެއެވެ.
ހިތާމައަކީ ރާއްޖޭގެ މަސްވެރިކަން ޒަމާނާ އެއްގޮތަށް ބަދަލުވެ ނަށަމުންދާއިރު ސަރުކާރުގެ ވަސީލަތްތައް އެވަރަށް ތަރައްގީ ވެފައި ނެތުމެވެ. ދެކުނުގެ ހަތަރު އަތޮޅުގައި 250 ވަރަކަށް މަސްދޯނި ދުއްވާއިރު މިތަނުން 200 ދޯނީގައި އިސްވެ ދެންނެވުނު އަދަދަށް ޑައިވަރުން ތިބޭނެއެވެ. 1800 ނުވަތަ 2000 ޑައިވަރުން ހަރަކާތްތެރިވާ ހިސާބެއްގައި ޑައިވިން މައްސަލައެއް ދިމާވެގެން އެޑައިވަރަކަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ނެތުމަކީ މިއަދު ދިވެހި ދައުލަތާއި އަދި ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުންވެސް ލަދުގަންނަން ޖެހޭނެ ކަމެކެވެ. ދެކުނަށް ޚާއްސަ ޗެމްބަރެއް ނެތުމަކީ މިއަދު ދިވެހި އެތައް ދަރިން ތަކެއް މި ދުނިޔެއާއި އަލްވަދާޢު ކިޔުމަށް މެދުވެރިވާ ކަމެކެވެ. އެތައް ދަރިންތަކެއް މުޅި އުމުރަށް ނުކުޅެދޭ މީހުންނަށް ވެފައިވާ ކަމެކެވެ. އެތައް އާއިލާއެއް ބިކަ ވެފައިވާ ކަމެކެވެ. ވެރިކަން ކުރާ މާލޭގެ ވަށައިގެން ބްރިޖްތައް އަޅާނެ ވާހަކަ ދެކެވެމުން ދާއިރު ދެކުނުގެ މަސްވެރިކަމުގެ މައި ބޭސް ކަމުގައިވާ ހުވަދޫ އަތޮޅުގައި ޑީ ކޮމްޕްރެސް ސިކްނެސް އަށް ފަރުވާ ކުރުމަށް ޗެމްބަރެއް ގާއިމްކޮށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ.
ޓުއަރިޒަމަށް ބަލާލި ނަމަވެސް ހުވަދޫ އަތޮޅުގައި އޮޕަރޭޝަންގައި 10 ރިސޯޓް އެބައޮތެވެ. އެއިން ކޮންމެ ރިސޯޓެއްގައި ވެސް ޑައިވިން ކުރެވޭނެ އިންތިޒާމް ހުރެއެވެ. ނަމަވެސް އެތަނުން ފަތުރުވެރިއަކަށް ޑީކޯ މައްސަލައެއް ދިމާވިޔަސް ހަމައެކަނި ދެވޭނެ ފަރުވާއަކީ އޮކްސިޖަން ދިނުމެވެ. ހުވަދު އަތޮޅުގައި 19 މީހުން ދިރިއުޅޭ ރަށް އޮންނައިރު އެތަނުން ކޮންމެ ރަށެއްގައި ނަސީބަކުން އެވަރުގެ އިންތިޒާމް އެބަ ހުއްޓެވެ. މި އަތޮޅަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ އަބަދުމެ އާދޭހަކީވެސް ހުވަދުއަތޮޅުގައި ޑީކޯ ޗެމްބަރެއް ގާއިމް ކޮށްދެއްވުމެވެ. ގދ. އަތޮޅުގެ ވެރިކަންކުރާ ރަށް ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދަކަށް ވާއިރު އެ ހޮސްޕިޓަލް ނިމިގެންދާއިރު އެތަނުގައި ޑީކޯ ޗެމްބަރެއް އެކުލެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި ހޮސްޕިޓަލުގެ އެއްވެސް މަސައްކަތެއް އަދި މި ހިސާބަށް ކުރެވިފައި ނުވެއެވެ.
ރެއާ ދުވާލު ވެހޭ ވާރެޔާ އަރާހާ އަވީގައި މަސްވެރިކަން ކުރާ މަސްވެރިންނަށް މިވަރުގެ ކަމެއް ކޮށްދެވޭނެ ލަޔާޤަތެއް ސަރުކާރުގައި ނެތީތޯއެވެ. ނޫނީ ކުރަން ބޭނުން ނުވަނީ ތޯއެވެ. މީ ހިތާހިތުން ކޮށްލަން ބޭނުންވާ ސުވާލެކެވެ. ކޮވިޑް-19 ދަތި ހާލުގައިވެސް ރާއްޖޭގެ އިޤްތިސާދުގެ ބޮޑު އިންސައްތައެއް ހިފެހެއްޓީ އެއްކަލަ ޑައިވަރުން މަރާ ހަނގުރާމަ ކޮށްގެން އެންދަމައިގެން މަސް ބޭނީތީއެވެ. އެމީހުން އަޑިއަށް ނުގޮސްފި ނަމަ އެތަކެއް އާއިލާއެއް ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތީމައެވެ. މީ ގައުމީ ޖިހާދެއް ނޫންތޯއެވެ. ހިތާމައަކީ އެކަމުގެ އުޖޫރަ ޝުކުރަކުން ނިންމާލާތީއެވެ.