English Edition
Dhivehi Edition
އައްޑޫލިންކް ރޯޑު؛ ފޮޓޯ ޙަސަން ނަޖުމީ

އައްޑޫސިޓީގެ ރަށްތައް ގުޅުވައިދޭ މައި މަގު ކަމަށްވާ އައްޑޫ ލިންކް ރޯޑް ނުވަތަ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކުން މަގުގެ ދެއަރިމައްޗަށް ވާގޮތަށް ފުޅާކުރުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީން ކުރަންފަށައިފިއެވެ.

މިމަސައްކަތް އެމް.އާރ.ޑީ.ސީ އިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު ނަމަވެސް، މޫސުމް ގޯސްވެ ވިއްސާރަ ވުމާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު އަލުން މަސައްކަތް މިހާރު ވަނީ ފަށާފައިވެއެވެ. އެގޮތުން ބައެއް ސަރަޙައްދުތަކުން މަގުގެ އަރިމަތިން ކޮންމެ ފަޅިއަކަށް 7 ފޫޓާއި 10 ފޫޓަށް ފުޅާކޮށްފައި ވެއެވެ. އެގޮތުން ހިތަދޫ އާއި ފަޅުރަށް ތަކުތެރޭގެ ގިނަ ހިސާބުތަކުން މިގޮތަށް ފުޅާކޮށްފައި ވެއެވެ.

ލިންކްރޯޑްގެ ދެއަރިމަތި ރަނގަޅު ފެންވަރަކަށް ހަދަނީ އެމަގު ފުޅާ ކުރުމުގެ ގޮތުން ނޫންކަމަށާއި، ނަމަވެސް އެމަގަށް އެޅޭ ފެން ހިނދޭނެ ގޮތް ހެދުމަށާއި، ހިންގާ މީހުންނަށް އިތުރަށް ފަސޭހަ ކުރުމަށް ކަމަށް އެމް.އާރު.ޑީ.ސީން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މިހާރަކަށް އައިސް ދުވާމީހުން އައްޑޫގައި ގިނަވެފައިވާތީ އެފަރާތްތަކަށް ލިންކް ރޯޑުގައި ރައްކާތެރިކަމާއި އެކު ދުވޭނެ މަގު ތަނަވަސްކުރުން ވެސް ހިމެނެއެވެ.

އައްޑޫ ލިންކް ރޯޑަކީ ރާއްޖޭގައި އެއްމަގެއްގައި އެންމެ ގިނަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާ މަގެވެ. އެގޮތުން 2013 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް އެމަގުން ހިނގާފައި ދިޔަ މީހުންގެ ގައިގައި ދުއްވާ އެއްޗެހިން ޖެހި ދެމީހަކު ނިޔާވެފައިވެއެވެ. އެހެންނަމަވެސް އެމަގު އިތުރަށް ފުޅާކޮށް ހިނގާމީހުންނަށް ފަސޭހަކަމާއި އެކު ހިނގޭނެގޮތަށް ހެދިފައި އޮވެއްޖެނަމަ މިފަދަ އެކްސިޑެންޓްތައް މަދުވެދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

1 ކޮމެންޓް
ހުސޭނުބެ
އޮކްޓޯބަރު 2, 2017
އައްޑޫ ލިންކް ރޯޑު ހަދާފައިވަނީ އެމަގު ހަދަން ބޭރުގައުމުތަކުން ފަންޑުކުރި ގޮތާއި އަދި ޕްލޭނާވެސް ޚިލާފަތް ފެންވަރު ދައްކޮށް!!! މިކަން ކުރީ މައުމޫނުގެ ސަރުކާރުގައި އިބްރާހިމް ހުސައިންޒަކީގެ މޭސްތިރިކަމުގައި!!! ޖީބަށް ބައެއްއަޅާފަ މަގުހެދީމާ އޮންނާނެގޮތަށް މަގު މިހާރު އެެއޮތީ!! ތިމަގަކީވެސް ލ އަތޮޅު ލިންކްރޯޑް މިހާރު ހަދާފައި އެއޮތް ފެންވަރަށް ހަދަން ފައިސާ އޭރު ލިބި ފައިސާގެ ކަޓު ޖައްސާ އެފެންވަރަށް ނަހަދާ އޮތް މަގެއް!!