ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) ހެދުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގގެ އޮނިގަނޑުގެ މަސައްކަތްތައް ކަމަށްވެސް އެމް.ޓީ.ސީ.ސީ އިން ވަނީ ބުނެފައެވެ.
ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓް ހަދަން ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނު ނަމަވެސް، އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށް ފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީ އާއި ސަރުކާރުން ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ 144.8 މިލިއަން ރުފިޔާ އަށެވެ.
އެއަރޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 01 ޖަނަވަރީ 2021 ގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. އެމްޓީސީސީގެ ސީ.އީ.އޯ އާދަމް އާޒިމް މި މަޝްރޫއާ ބެހޭ ގޮތުން މީގެ ކުރިން ވިދާޅުވެފައި ވަނީ، 2021 ނޮވެންބަރު 11 ވަނަ ދުވަހުގެ ކުރިން މި މަޝްރޫއު ނިންމަން މަސައްކަތްކުރާ ކަމަށެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ހަދާ ފަރެސްމާތޮޑާ އެއަރޕޯޓްގައި، 1200 މީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށާއި ޓެކްސީވޭއަކާއި އޭޕްރަންވޭއަކާއި އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. ރަންވޭގެ އިތުރަށް ޓާރމިނަލާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވެސް އެމް.ޓީ.ސީ.ސީ އާއި ވަނީ ހަވާލުކޮށްފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިމެނޭހެން ޖުމްލަ 19.9 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ހިއްކި ސަރަހައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއަރޕޯޓް އެކެވެ. އެގޮތުން އެ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.