ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ މަޖިލީހުގެ ތަޅުދަނޑިފަތިން ބައެއް ތަޅުދަނޑިތައް ގެއްލި މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރައިފި އެވެ.
މަޖިލީހުގެ އިދާރީ ބައެއް މުވައްޒަފުން ބުނެފައިވަނީ މިއަދު ހެނދުނު އޮފީހަށް ގޮސް ސެކްޝަންތައް ތަޅުލާފައި ހުރުމުން ސެކްޝަންތައް ހުޅުވައިދިނުމަށް ސިފައިން ގާތު އެދުމުން ބައެއް ތަޅުދަނޑިތައް ގެއްލިގެން ސެކްޝަންތައް ނުހުޅުވިގެން އުޅޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެތަންތަން ވީއެންމެ އަވަހަކަށް ހުޅުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް ސިފައިން ބުނެފައިވާ ކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ.
ބައެއް ސެކްޝަންތަކުގެ ތަޅުދަނޑިތައް މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ސިފައިން އަތުން ގެއްލިފައިވާއިރު، ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖިލީހުގެ އިދާރާގެ މައުލޫމާތު ދޭނީ މަޖިލީހުގެ އިދާރާއިން ކަމަށެވެ. އަދި ސެކިއުރިޓީގެ ކަންކަމާ ގުޅޭ މައުލޫމާތު މީޑިއާއަށް އާންމު ނުކުރާނެ ކަމަށް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި މަޖިލީހުގެ އިސްވެރިއެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.