English Edition
Dhivehi Edition

ވޮލެންޓްރީ މަސައްކަތްތަކަކީ ގިނަބަޔަކު ކުރުމަށް ފަސްޖެހޭ މަސައްކަތްތަކެވެ. އެކަމަކުން ތިމާއަށް މާބޮޑު ނަފާއަކާއި މާލީ ފައިދާއެއް ނެތް މަސަައްްކަތްތަކެއް ކުރުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ގިނަ ބަޔަކު ދެކެފާނެއެވެ. ނަމަވެސް މުޖުތަމައުގެ ލާބައާއި ހެވައްޓަކައި ތިމާގެ ހުރިހާ ހުސްވަގުތެއް މިފަދަ އިޖުތިމާއީ މަސައްކަތުގައި ހޭދަކުރާ ޒުވާނުން މުޖުތަމައުން މަދުން ނަމަވެސް ފެނުމަކީ އުފާކުރަން ޖެހޭކަމެކެވެ.

ރާއްޖޭގައި އެންޖީއޯތައް ގިނައެވެ. ތަފާތު އެކިނަންނަމުގެ ޖަމިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތައް ގިނައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނާ ތަޖުރިބާ ހޯދުމަށް މިފަދަ އެންޖީއޯތަކުން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. ނަމަވެސް މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ގައި ދެމިތިބެވެނީ މަދު ބަޔަކަށެވެ. ވަކިން ޚާއްޞަކޮށް ޒުވާނުންގެ ތެރެއިން ހިތްވަރުގަދަ ނަމޫނާ ޒުވާނުންނަށެވެ.

އައްޑޫސިޓީގެ ފޭދޫ އަށް އުފަން އައިޝަތު ރުޚުސާނާ، ރަޙުމަތްތެރިންގެ ނަމުންނަމަ ރުކޫ އަކީ މިދެންނެވި ފަދަ ހީވާގި، ނަމޫނާ ޒުވާނެކެވެ. ޒުވާން ލީޑަރެކެވެ. އެންޖީއޯގެ ބޯޑު މެމްބަރެކެވެ. ސޯޝަލް އެކްޓިވިސްޓެކެވެ. ވަޒީފާގައި ބުރަކޮށް މަސައްކަތް ކުރަމުން ލިބޭ ހުރިހާ ހުސްވަގުތެއް ހެން ރުކޫ ހޭދަކުރަނީ ވޮލެންޓްރީ މަސައްކަތުގައެވެ. ރުކޫ ބައިވެރިވެފައިވާ ކޮންމެވެސް އެންޖީއޯ އެއްގެ ކަމެއްގައެވެ. ކޮންމެވެސް ޕްރޮގްރާމެއް ރާވައި ހިންގުމުގައެވެ. ވަކިން ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުމާއި މުޖުތަމައުގައި އަންހެނުންގެ ތަފާތު ނައްތާލުމަށް ކުރެވޭ މަސައްކަތް ތަކުގައި ބައިވެރިވެ އިސް ސަފުގައި ރުކޫ ވަނީ މަސައްކަތް ކޮށްފައެވެ.

ރުކޫ އަކީ އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ ) އާއި ވިމެންސް އާޓް އެންޑް ކްރާފްޓްސް އެސޯސިއޭޝަންސް މޯލްޑިވްްސް (ވަކަމް ) ގެ ބޯޑު މެމްބަރެކެވެ. ހަމަ އެއާއެކު ވިމެންސް އޮން ބޯޑް (ވޮބް )ގެ މާކެޓިން ސެކެޓްރީއަކީ ރުކޫއެވެ. މި އެންޖީއޯތަކުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކެއްގައިހެން ހީވާގިކަމާއެކު ރުކޫ މަސައްކަތްކުރާތަން ފެނެއެވެ. މުޅިންވެސް ވޮލެންޓްރީ މަސައްކަތްތަކެވެ.

މިހުރިހާ މަސައްކަތެއްގެ ތެރެއިންވެސް ރުކޫ ފާހަގަކޮށްލެވެނީ ނިމިގެންދިޔަ ޔޫތު ސަމިޓްގައި އަމިއްލަގޮތުން ބައިވެރިވި މެމްބަރެއްގެ ގޮތުންނެވެ. ޔޫތު ސަމިޓްގައި ރާއްޖެއިން ބައިވެރިވި ރުކޫމެންގެ ޓީމުން ވަނީ ސަމިޓްގެ އެންމެ ބެސްޓް ކަންޓްރީގެ އެވޯޑްވެސް ހާސިލްކޮށްފައެވެ.

“ވޮލެންޓްރީ މަސައްކަތް ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. މުޖުތަމައަށް ބޭނުންތެރި ޚިދުމަތެއް ރުކޫގެ ފަރާތުން ދެވޭ ކަން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ވަކިން ޚާއްޞަކޮށް އަންހެނުންގެ ކުރިއެރުމާއި ތަރައްގީއާއި ގުޅިފައިވާ ކަންތައްތަކުގައި މަސައްކަތް ކުރެވުމަކީ ވަރަށް އުފާވާކަމެއް” ރުކޫ ބުންޏެވެ.

ރުކޫ ބުނީ މިފަދަ މަސައްކަތް ތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ލޯހުޅުވި ގިނަ ކަންކަންތައްތަކެއް ދަސްވެގެންދާކަމަށެވެ. ވަކިން ޚާއްޞަކޮށް ލީޑަރޝިޕް ހުނަރު ތަރައްގީވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ ތިމާގެ ފުށުން އެހެން ބަޔަކަށް އެހީތެރިކަމެއް ފޯރުކޮށް ދެވޭކަމުގެ ހިތްހަމަ ޖެހުން ލިބޭ ކަމެއް ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިންޖިނިއަރިން ޑިވިޝަންގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ރުކޫ ބުނީ ލިބޭ ހުރިހާ ހުސްވަގުތެއްހެން ހޭދަކުރެވެނީ ވޮލެންޓްރީ މަސައްކަތްތަކުގައި ކަމަށެވެ. ކުރާހިތްވާ ކަމަކަށް ވަގުތު ހޯދުމަކީ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ކުރެވޭނެ ކަމެއް ކަމަށް އޭނާބުންޏެވެ.

ހިތްވަރާއެކު ރުކޫ ކުރާ މި މަސައްކަތް ފާހަގަކޮށް އައްޑޫވިމެންސް އެސޯސިއޭޝަނުން މިދިޔަ އަހަރުވަނީ އައިޓެކް ސްކޮލަރޝިޕެއްވެސް ރުކޫއަށް ހޯއްދަވާ ދެއްވަވާފައެވެ. މި ކަމަށްޓަކައި އެ އެސޯސިއޭޝަނުގެ ރައީސާ ޑރ. މަރިޔަމް ޝަކީލާއަށް ރުކޫ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ހަމަ މިއާއެކު ނިމިގެން މިދިޔަ ޔޫތު ސަމިޓުގައި ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގެ ޔޫތު (ރަފީ) ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ ގެ ފަރާތުން ވެދެއްވެވި އެހީތެރިކަން ރުކޫ ފާހަގަކުރިއެވެ.

“ޔޫތު ސަމިޓްގެ ހުރިހާ ކަމެއްގައި ރަފީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ. ސަމިޓް މިހާ ފުރިހަމަ ކަމާއެކު ކާމިޔާބު ކުރެވުމުގައި ރަފީގެ މަސައްކަތް ފާހަގަ ކޮށްލެވޭ” ރުކޫ ބުންޏެވެ.

ހިތްވަރާއެކު މަަސައްކަތް ކުރާނަމަ ތިމާ ބޭނުންވާ މިސްރާބަށް ވާސިލް ވުމަކީ ދުރުގައިވާ ކަމެއް ނޫންކަން ރުކޫ ވަނީ ސާބިތުކޮށްދީފައެވެ. މިދާއިރާއިން ފާހަގަކުރެވޭ ފަދަ އެވޯޑެއް އަދި ލިބިފައި ނެތް ނަމަވެސް އެފަދަ ދުވަހެއްވެސް އަދި ފެނިގެންދާނެ ކަމަށް ރުކޫ ބުންޏެވެ.

“މިއީ މުޅިންވެސް މުޖުތަމައަށް ބޭނުންތެރި ކަމެއް ކޮށްދިނުމުގެ މަގުޞަދުގައި ކުރާ މަސައްކަތެއް. މި މަސައްކަތުން ބަޔަކަށް ފައިދާއެއް ލިބިއްޖެއްޔާ އެއޮތީ ކާމިޔާބުވެފައި” ރުކޫގެ ކިޔައިދިނެވެ.

ރުކޫގެ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދަނީ ރުކޫގެ އާއިލާއިންނެވެ. ވަޒީފާ އަދާކުރަމުން 2 ކުދިންގެ ކަންތައްތައް ބަލަހައްޓަމުން އަދި ވޮލެންޓްރީ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ ކޮންމެ ވަގުތެއްގައި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމީ މަސައްކަތަށް ލިބޭ އިތުރު ކުރިއެރުން ކަމަށް ރުކޫ ދެކެއެވެ. ވަކިން ޚާއްޞަކޮށް ރުކޫގެ މަންމަގެ ފަރާތުން ލިބިގެން ދާ އެހީތެރިކަން ރުކޫ ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ މިފަދަ ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހީވާގި ކަމާއެކު ކުރާ މަސައްކަތާމެދު ޚުދު އައްޑޫސިޓީވެސް ފަޚުރުވެރިވާނެ ކަން ގައިމެވެ…! ރުކޫގެ މަސައްކަތަށް ވެސް އިތުރުކާމިޔާބީއާއި ކުރިއެރުން ލިބުމަށް އެދެމެވެ..!

 

1 ކޮމެންޓް
ފްރެންޑް
އޮކްޓޯބަރު 1, 2017
ރުކޫ މީ ހައުދަހައި މުޅުކޫދަކޭ